ޖަލުގައި ތިއްބެވި ނުވަ ބޭފުޅަކު މިނިވަންކުރުމަށް އަމުރުކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމް ތަންފީޒުކުުރުމަށް ސަރުކާރުން ބަހަނާ ދައްކާ، ހުކުމް ތަންފީޒު ނުކޮށް ވަގުތުތައް ބޭކާރުކުރަން ފަށައިފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމުގައި ނުވަ ބޭފުޅަކު މިނިވަންކުރުމަށް އަމުރުކުރުމުގެ އިތުރަށް، ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުވާލު އުފައްދަމުން ގެންދިޔަ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސާފުކޮށް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ނެރުނުތާ ހަތަރު ގަޑިއިރު ވެގެން ދިޔައިރު މި ހުކުމަށް އަމަލުކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި ބަހަނާ ދައްކަމުންދާ ކަން ފާހަގަކުރެވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ނެރުނު ފަހުން ބަންޑާރަކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބް މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓުގެ ހުކުމާ މެދު ސުވާލު އުފެދޭ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން އަނިލް އޭރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމެއް ކަމަށް "ބެލެވޭ" ހުކުމެއް ނެރެފައިވާތީ އެ ހުކުމްގައިވާ އެއްޗެއް ސަރުކާރުން ބަލަމުންދާ ކަމަށެވެ. އަދި އޭރު ވިދާޅުވީ އެހާތަނަށް ރަސްމީކޮށް ވެސް އަދި ނުރަސްމީކޮށް ވެސް ސުޕްރީމް ކޯޓުގެ ހުކުމް ލިބިފައި ނުވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ބަންޑާރަނައިބް އެހެން ވިދާޅުވި ފަހުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާފައިވާ ހުކުމް ވަނީ ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އާންމުކުރެއްވި ފަހުން ފުލުހުން ތަކެއް ވަނީ އެމްޑީޕީގެ ހަރުގެ ކައިރީގައި އުފާފާޅުކުރަމުން ދިޔަ މީހުންގެ ތެރެއަށް ވަދެ އިންޒާރު ދިނުމަކާ ނުލައި ތަކުރާރުކޮށް ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށް، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމެއް އައުމާ ގުޅިގެން އެ ހުކުމްގައި ބުނާ އެއްޗެއް ބަލައި އޮޅުންފިލުވުމަށްފަހު ހުކުމް ތަންފީޒުކުރުމާ މެދު ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެކަމަކު ހުކުމް ތަންފީޒުކުރާނެ ވަކި ވަގުތެއް ޑިފެންސް މިނިސްޓަރު ވެސް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ހުކުމުގައި ހުރި ގިނަ ކަންތައްތަކަކީ ދިވެހި ސަރުކާރުގެ ފަރާތުން އެކަންކަމާ ދޭތެރޭގައި އިތުރަށް ވިސްނާ ފިކުރުކުރަން ޖެހޭ ކަންތަކެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގެ މިރޭ ހުކުމް އާންމުކުރި ފަހުން ޓީވީއެމް އަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ބައެއް ބޭފުޅުން ދެއްވި އިންޓަވިއުތަކުގައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމް އަދި ނުލިބޭ ކަމަށް ވިދާޅުވެ ވާހަކަވެސް ދައްކަވާފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަކީ އެންމެ މަތީ ކޯޓުގެ ހުކުމް ކަމަށްވީ ނަމަވެސް ރައީސް އަބްދުﷲ ޔާމީނަކީ ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ހުކުމަށް ވުރެ މަގާމުގެ ގޮތުން ރައީސް ޔާމީންގެ ބާރުގަދަ ކަން ދޭހަވާ ގޮތަށްވެސް ބައެއް ބޭފުޅުން ގެންދަވަނީ ވާހަކަދައްކަވާފަ އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމްގައި ވަނީ އެ ހުކުމް ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކާއި، ތަންފީޒުކުރުމަށް ދެކޮޅު ހަދާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަން ސަރުކާރުން ފަސްޖެހިފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ