ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ދެ މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގައި މާދަމާ ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފި އެވެ.
މާދަމާ އަށް ތާވަލްކޮށްފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެވެ.
ވަކިވަކިން ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާ މި ދެ މައްސަލަ ބެލުމަށް ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
މެންބަރު ވަހީދުގެ މައްސަލަ މާދަމާ ހެނދުނު 10:30 ގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ސައުދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މާދަމާ މެންދުރުފަހު 1:30 ގައެވެ.
މެންބަރު ވަހީދުއާއި މެންބަރު ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން ލަތީފްއާއި އަމީތު ވެސް ވަނީ އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެކަމަކު މި ދެ ބޭފުޅުންގެ މައްސަލަ އަދި ތާވަލްކޮށްފައެއް ނުވެ އެވެ.
މި ހަތަރު މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް މި ދެ ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް އަދި ހުށަހަޅާފައެއް ނުވެ އެވެ.
މެންބަރު ސައުދާއި ވަހީދުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ