ރައީސް މައުމޫންގެ ބަންދުގެ މުއްދަތު މަޖިލީސް ހަވީރު 4:00ގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމްގެ ބަންދާއިމެދު ގޮތް ނިންމުމަށް މިއަދު ހަވީރު 4:00ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ރައީސް މައުމޫންގެ ބަންދުގެ މުއްދަތު މަޖިލީސް މިއަދު ބޭއްވުމަށް ނިންމާފައިމިވަނީ އިއްޔެ އެ މަޖިލީސް ބޭއްވުމަށް ނިންމުމަށްފަހު އެކަން ފަސްކޮށްފައިވަނިކޮށެވެ. މީގެ އިތުރަށް ބަންދާއިމެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރާއިރު، ވަކީލަކާއިއެކު ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބަންދާއިމެދު ގޮތް ނިންމާ މަޖިލީސް ފަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވަނިކޮށެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވީ ބަންދުގެ މުއްދަތު މަޖިލީސް ހަވީރު 4:00ގައި ކުރިއަށް ގެންދިއުމަށް ނިންމާ އެކަން މިހާރު އެމަނިކުފާނަށް އަންގާފައިވާކަމަށެވެ. އަދި ރައީސް މައުމޫން މާލެ ގެނައުމަށް ދޫނިދޫއިން އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 3:30ގައިކަމަށެވެ.
ބަންދާއިމެދު ގޮތް ނިންމާ މަޖިލީސް ފަސްކޮށްދިނުމަށް އެދިވަޑައިގެން ރައީސް މައުމޫން ވަނީ ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލުވެ ހުންނެވި އާދަމް އަރީފަށް އެޑްރެސްކުރައްވާ ސިޓީއެއްވެސް ފޮނުއްވާފައިވާފައެވެ.
ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް، މިއަދު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ނިންމާފައިވާކަމަށް ފުލުހުންގެ ފަރާތުން އަންގާފައިވާކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެކަމާއި ގުޅިގެން ގާނޫނީގޮތުން އެމަނިކުފާނު ކޯޓްގައި ތަމްސީލު ކުރައްވާނެ ބޭފުޅަކު ކަނޑައަޅުއްވާފައިވާކަމަށާ އެއީ ހ. މީނާޒު އަލްއުސްތާޒު މައުމޫން ހަމީދުކަމަށެވެ.
ނަމަވެސް މިވަގުތު މައުމޫން ހަމީދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައިކަމަށާ އެނބުރި ވަޑައިގެންނެވޭނީ މިމަހުގެ 21ވާ ބުދަ ދުވަހުކަމަށް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދަވާނެކަމަށް އެންގެވީ މިއަދުކަމަށާ މިއީ ކުރިން ތަސައްވުރުކުރެވިފައިވާ ކަމަށްނުވާތީ، ވަކީލަށް ބަންދުގެ މުއްދަތާއިބެހޭ އަޑުއެހުމެއް އޮންނާނެކަން އެންގުނީ މިއަދުކަމަށެވެ.
އެހެންކަމުން ބަންދާއިމެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރާއިރު، ވަކީލަކާއިއެކު ހާޒިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބަންދާއިމެދު ގޮތް ނިންމާ މަޖިލީސް ފަސްކޮށްދިނުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މިމަހުގެ 22ވާ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބަންދުގެ މުއްދަތު މަޖިލީސް ބާއްވަވައިދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާތަނަށް 40އަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނެވިއިރުވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާތީ، އިތުރު ވިއްސަކަށް ގަޑިއިރަށް ޝަރީއަތުގެ މަޖިލީސް ފަސްކޮށްދެއްވުމަކުން މިހާތަނަށް އެމަނިކުފާނާއިމެދު ގާނޫނާއި ޚިލާފަށް ހިންގާފައިވާ ކަންކަން، އެނޫން ގޮތަކަށް ހިނގާފައިވާކަމަށް ގަބޫލުކުރެވޭނެ ހަމައެއް އޮންނާނެކަމަށް ފެނިވަޑައިނުގަންވާކަމަށެވެ.
އެމަނިކުފާނުގެ ސިޓީގައި ވިދާޅުވީ ސަރުކާރުން އިއުލާނުކޮށްފައިވާކަމަށް ބުނާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 5 ފެބުރުއަރީން ފެށިގެން ހުންނެވީ ފުލުހުންގެ ބަންދުގައިކަމަށާ އެމަނިކުފާނު ހައްޔަރުކޮށްފައިވަނީވެސް ކޯޓް އަމުރެއްނެތިކަމަށެވެ.
އަދި ގާނޫނު އަސާސީގެ 48 ވަނަ މާއްދާގައިވާގޮތުގެ މަތިން ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވެސް ނުވާކަމަށާ އެހެންކަމުން އެމަނިކުފާނު މިހާރު ބަންދުކޮށްފައިހުރި ހުރުން ގާނޫން އަސާސީއާއި ޚިލާފުކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އިއްޔެ ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަ ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މައްސަލައާއި ގުޅިގެން އދގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި މިވަގުތު މައުމޫން ހަމީދު ހުންނެވީ އެމެރިކާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ