ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ޖަލުގައި ބަންދުކޮށްފައި ހުންނެވި މުއްދަތުގައި މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފައިނުވާތީ އެމަނިކުފާނު އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ކުއްލިގޮތަކަށް ގާސިމް އިބްރާހީމް ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަށްފަހު ހައިކޯޓުން މިއަދު ކުރި އަމުރާ ގުޅިގެން އެމަނިކުފާނު މިނިވަންކުރުމުން ރައްޔިތުންގެ މަޖިލިހުގައި މިރޭ ބޭއްވި ކުއްލި ޖަލްސާގައި ގާސިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރޭގެ ޖަލްސާގައި ރިޔާސަތުން އެމަނިކުފާނަށް ދެއްވި ފުރުސަތުގައި މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް ނިސްބަތްކުރައްވައި ވިދާޅުވީ، ޖަލުގައި ހުންނެވިއިރު މަޖިލިހަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވީތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.
އެމަނިކުފާނަށް އެފުރުސަތު ނުދެއްވީ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އިމްތިޔާޒުތަކުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ފުރުސަތު ލިބެންޖެހޭކަން މަސީހަށްވެސް އެނގިވަޑައިގެން ހުންނަވައި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހަޅަންޖެހެނީ މިކަހަލަ ސަބަބުތަކާ ހެދި ކަމަށެވެ.
"ގާނޫނުއަސާސީއާ ގާނޫނުގައިވާ ގޮތުގެމަތިން، މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، އެފުރުސަތު ލިބޭނެކަން މަނިކުފާނަށް ރަނގަޅަށް އެގިވަޑައިގެން ހުންނަވައި އަޅުގަނޑަށް އެފުރުސަތު ނުދެއްވީ. އެބާވަތުގެ މައްސަލަތައް އަންނާތީ އަޅުގަނޑުމެން މަނިކުފާނުގެ އިތުބާރު ނެތްކަަމުގެ ވޯޓު މިތަނަށް ހުށަހަޅަން ޖެހެނީ. ވަރަށް ހިތާމަކުރާ ކަމެއް ރައްޔިތުންނަށްްޓަކައި މަނިކުފާނު ކޮށްދެއްވަންޖެހޭ މަސައްކަތެއް އިޚުލާސްތެރިކަމާއެކު ކޮށްދެވޭތަން އަޅުގަނޑުމެންނަށް ނުފެންނަކަން" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ހައްގު ކަނޑައެޅިގެން ގާނޫނުން ކަށަވަރުދީފައި ވަނިކޮށް، އެފުރުސަތު ނުދީ ޖަލުގައި ބައިންދައިގެން އެތައް ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަކީ ގަދަވެ ސަލާމަތުން ހުންނެވިއްޔާ ޖަލްސާތަކަށް ހާޒިރުވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މެމްބަރެއްކަން މަޖިލިހުގެ ރައީސަށް ހަނދުމަފުޅުކޮށް ދެއްވިއެވެ. އަދި މިބާވަތުގެ ކަންކަން މަޖިލިހުގެ އެހެން މެމްބަރުންނާމެދު ވެސް ނުކުރެއްވުމަށް މަސީހަށް ނަސޭހަތްތެރިވެ އެކަމަށް އިލްތިމާސްކުރެއްވިއެވެ.
"މިބާވަތުގެ ކަންތައްތައް އެހެންވެސް މެމްބަރުންނާމެދު ނުކުރެއްވުމަކީ އަޅުގަނޑު ނިޔާޔަަތަށް އެދޭ އެދުމެއް. ކޮންމެ ސިފައެއްގައި ނަމަވެސް ގާނޫނާއި ގާނޫނުތަކުގެ ހުދޫދުގެ ތެރެއިން މަނިކުފާނަށް ވެސް ތިފުރުސަތު ލިބިވަޑައިގެންފައިވަނީ. އަދި އަޅުގަނޑުމެންނަށްވެސް ފުރުސަތު ލިބިފައިވަނީ. ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތާއި އަމާންކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮންނާނީ އެތަނެއްގައި އަދުލުއިންސާފު އޮންނަ މިންވަރަކުން" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ފަރާތްތަކުން އިޚުލާސްތެރިވާންޖެހޭ ކަމަށާއި މަސްއޫލިއްޔަތު އުފުލަންޖެހޭނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތުގައި އެމަނިކުފާނުގެ ޕާޓީންގެ މެމްބަރުންނާއި އަދި އެހެންވެސް މެމްބަރުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގާނޫނާ ޚިލާފަށް ބަންދުކޮށްފައި ހުންނެވި މުއްދަތުގައި މަޖިލިހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދީފައިނުވާތީ އެކަމާ މަޖިލިހުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރެއްވުމުން މަޖިލިހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ މަޖިލިހުގެ ޖަލްސާތަކަށް ވަޑައިގަތުމަށާއި، ޖަލްސާތަކުގައި ވާހަކަދެއްކެވުމަށާއި، އަދި ވޯޓު ދެއްވުމަށް މަޖިލިހުގެ ރިޔާސަތުން އޮންނަނީ އަބަދުވެސް މެމްބަރުންނަށް ފުރުސަތު ހުޅުވާލާފައި ކަމަށެވެ.
މަޖިލިސް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދެއްވި މައްސަލަ ގާސިމް ކުށްވެރި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ