ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ ސްޕްރީމް ކޯޓުން އެގައުމުގެ ގާނޫނުހަދާ މަޖިލީސް، ނޭޝަނަލް އެސެމްބްލީގެ ހުރިހާ ބާރުތަކެއް ނަގައިފިއެވެ.
އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތު އޮންނަ ނޭޝަނަލް އެސެމްބްލީގެ ހުރިހާ ބާރުތައް ނެގުމަށްފަހު، ސްޕްރީމް ކޯޓުންވަނީ ގާނޫނުހަދާ މަޖިލީހުގައި މިހާރު ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަންވެސް ނިގުޅައިގެންފައެވެ.
ވެނެޒުއެލާގެ ސްޕްރީމް ކޯޓުގެ މިފިޔަވަޅު އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސްގެ ސެކްރެޓަރީ ޖެނެރަލް ލުއިޒް އަލްމަގްރޯ ވަގުތުން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ، ސްޕްރީމް ކޯޓުގެ ނިންމުމަކީ ބަޣާވާތެއް ކަމަށެވެ.
ސްޕްރީމް ކޯޓުގެ މިއަމަލުގެ ސަބަބުން ވެނެޒުއެލާގާއި ގާނޫނު ހުކޫމަތު ދެމެހެއްޓުމަށް ހުރަސްއެޅި، ޑިމޮކްރަސީވެސް ނެތިގެން ދިޔައީ ކަމަށް ލުއިޒް އަލްމަގްރޯ ވިދާޅުވިއެވެ.
ވެނެޒުއެލާގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ޖޫލިއޯ ބޯޖަސްވެސް ވަނީ، މިއީ ސްޕްރީމް ކޯޓުން ގެނައި ބަޣާވާތެއް ކަމަށް ވިދާޅުވެފައެވެ.
ސްޕްރީމް ކޯޓުގެ މިފިޔަވަޅަކީ ވެނެޒުއެލާގެ މިހާރުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ ބައިވެރިން ވެރިކަމުގައި އަތްގަދަކުރުމަށް ސްޕްރީމް ކޯޓާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށްވެސް ނޭޝަނަލް އެސެމްބްލީގެ ރައީސް ވިދާޅުވިއެވެ.
"ނިކޮލަސް މަދޫރޯވަނީ ވެނެޒުއެލާއަށް ބަޣާވާތެއް ގެނެސްފައި. ވެނެޒުއެލާ ސިފައިން ހަމަހިމޭނުން ތިބެގެން ނުވާނެ. ސަބަބަކީ ގާނޫނުއަސާސީގެ ބާރު މިވަނީ ކަނޑުވާލާފައި" ޕާލަމެންޓް އިމާރާތުގެ ބޭރުގައި ހުންނަވައި ރައީސް ޖޫލިއޯ ބޯޖަސް ވިދާޅުވިއެވެ.
ވެނެޒުއެލާގެ ސްޕްރީމް ކޯޓުން ގާނޫނު ހަދާ މަޖިލީޙުގެ ހުރިހާ ބާރުތަކެއް ނިގުޅައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ