24 ގަޑިއިރު ކަރަންޓު ދޭން ގާބިލް މީހުންނަށް އިސްކަންދޭ: ތޯރިގު

24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު ވައުދު ކަމަށާއި އެކަން ކުރުމަށް އެންމެ އިސްކަން ދެނީ ތަމްރީނު ލިބިފައި ތިބި މީހުން ތަންތަނަށް އައްޔަން ކުރުމަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު ވައުދު ކަމަށެވެ.
ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ކަރަންޓުގެ ޚިދުމަތް ދޭ ތަންތަނަށް ތަމްރީނު ލިބިފައި ތިބި މީހުން ލުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް "ސްޓެލްކޯ ފިފްތު ޕަވާ ޕްރޮޖެކްޓް" ގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުން 100 މިލިއަނަށްވުރެ ގިނަ ޑިލަރު ޚަރަދުކޮށްގެން 50 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތް ނިމުމުން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ މާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯގެ ސިސްޓަމްތައް މަރާމާތުކޮށް، އަށް މެގަވޮޓުގެ ޖަނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އެ އިޝާރާތް ކުރެއްވި ޖަނަރޭޓަރު މާލެ ގެނައީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އެ ޖަނަރޭޓަރުން އިންޖީނުތައް އޯވަލޯޑް ނުވެ، މާލެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ހޫނު މޫސުމާ ދިމާކޮށް އިރުއިރުކޮޅާ މާލެއިން ކަރަންޓު ކެނޑޭ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން އޭރު ބުނެފައިވެއެވެ.
އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް، އިއްޔެ މުޅި މާލެއިން ތިން ގަޑިއިރަށް ކަރަންޓާއި ފެން ކެނޑި، މުވާސަލާތީ ގުޅުމަށް ވެސް ވަނީ ބުރޫއަރާފައެވެ.
އެހެންކަމުން ކަރަންޓާއި ފެން ފޯރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ވަނީ ބަޔާނެއް ނެރެފައެވެ. މާލޭގެ ރައްޔިތުން، 2014 ވަނަ އަހަރު ފެނަށް ޖެހުމާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން އުފެއްދި މާލޭ ވޯޓާ ކްރައިސިސް ފަންޑަށް ލިބުނު 107 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ވީ ގޮތް ސާފުކޮށްދޭން އެމްޑީޕީން ގޮވާލާފައިވެއެވެ.
އެމްޑީޕީގެ ބަޔާނާ ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު ވިދާޅުވީ އެމްޑީޕީގެ ބަޔާނުގައި އޮތީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި އެމްޑީޕީން މަސައްކަތް ކުރީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ