ސަފާރީ ރޭޕް މައްސަލަ: އަދުލުވެރިކަމަށް ކަނާއަތުން ވާއަތް ކަޑާލަން ޖެހިއްޖެ ނަމަ، އެކަން ކުރަން ޖެހޭނެ - އުމަރު

ވެރިކަމުގައި ހުންނައިރު އަދުލުވެރިކަމަށްޓަކައި ކަނާއަތުން ވާއަތް ކަޑާލަން ޖެހިއްޖެ ނަމަ، އެކަންވެސް ކުރަން ޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލައާ ގުޅިގެންނެވެ. އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި ގުޅުން އޮންނަ މީހުން ކަމަށް ބުނާ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.
އެ މީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ވެސް ނުގެންގޮސް އެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ބަލަމުންދާ ކަމަށެވެ.
އުމަރު ވިދާޅުވީ، އަންހެނަކު ރޭޕްކުރި ކަމަށް އޭނާގެ ދުލުންބުނެ ސަރުކާރުގެ ތެރޭ ނުފޫޒު ގަދަ، ބަޔަކަށް ތުހުމަތު ކުރާއިރު، އެބަޔަކު ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެ މީހުން ހައްޔަރުކޮށް ޤާނޫނީ ހުކޫމަތު ނުހިންގޭނަމަ، އިންސާފާ މެދު މުޅި ރައްޔިތުން ކުރާނީ ކޮން އުއްމީދެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އުމަރު ވިދާޅުވީ، ބާރު ގަދަ މީހުންނަށް ވެސް ޤާނޫނުގެ ދިގުއަތް ފޯރަންވާނެ ކަމަށާއި، ދޭސީ އެއް ބިދޭސީ އެއް ނެތި އިންސާފު ލިބެންވާނެ ކަމަށެވެ.
"ވެރިއެއްގެ އެންމެ ފުރަތަމަ މަސްއޫލިއްޔަތަކީ ހަމަހަމަ ކަމާއެކު އެންމެނަށް އިންސާފު ލިބިދިނުން". އުމަރުގެ ޓްވީޓުގައި ވެއެވެ.
އުމަރު ވަނީ މި މައްސަލައިގެ ފުރިހަމަ ތަހުޤީގެއް ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކަށް ގޮވާލާފައެވެ.
"އަދި ރާއްޖޭގެ ނޫސްވެރިން މިކަން ބައްލަވާ އިންސާފުން ރިޕޯރޓް ކުރެއްވުމަށް އިލްތިމާސް ކުރަން. މިއީ މި ޤައުމު ލަދުވެތިވާވަރުގެ މައްސަލައެއް". އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ