ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ ދިވެހި ރައްޔިތުންގެ ހަގީގީ ޕާޓީ ކަމަށާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށްޓަކައި އެ ޕާޓީއަށް ކިތަންމެ ބޮޑު ބަދަލެއް ގަންނަންޖެހުނަސް އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށްޓަކައި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ކުރިއަށްދާ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ނަން ކިލަނބުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެފަދަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި ޖުމުހޫރީ ޕާޓީ ހިންގަމުންދަނީ ޑިމޮކްރެޓިކް އުސޫލުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބައެއް ބޮޑެތި ޕާޓީތައް ކަމަށް ބުނާ ޕާޓީ ތަކުން ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު މަންޒަރުތައް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަޅުގަނޑު މިޕާޓީގައި އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. އެހެން ޕާޓީ ތަކުގައި ތިއްބެވީ އެ ޕާޓީ ތަކުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ބައެއް އާއިލީ ބޭފުޅުން. ޖުމްހޫރީ ޕާޓީގެ މުހިއްމު އެއްވެސް މަގާމެއް އަޅުގަނޑުގެ އާއިލާގެ މީހެއް އަތްބެއް ދަރިއެއް ނެތް. އެހެންނަމަވެސް މިޕާޓީގެ އިންތިހާބު ތަކުގައި އެބޭފުޅުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭ. އެހެންކަމުން ޖުމްހޫރީ ޕާޓީ އަކީ ރައްޔިތުންގެ ހަގީގީ ޕާޓީ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭޕީގެ ގައުމީ ކޮންގްރެސް ބާއްވަން އިއުލާންކޮށްފައިވާތީ އޭގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖޭޕީގެ ގޮފިތައް ހަދަން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކުރުމަށާއި، ގައުމުގެ ކުރިމަގު ރަގަޅުކޮށް ޑިމޮކްރަސީގެ އުސޫލުތައް ވަރުގަދަކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދަށާއި ޕާޓީއަށް ކިތަންމެ ބޮޑު ބަދަލެއް ގެނައުމަށް ހުށަހެޅި ނަމަވެސް އެކަމަށް ތާއީދުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ގައުމާ ރައްޔިތުންގެ ތަރައްގީއަށް ގެންނަންޖެހޭ ބަދަލުތަކަކީ އެކަންކަމުގެ ކުރިމަގު ނިމޭ ކަންކަމެއް ނޫން. ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެނައުމުގެ މަސައްކަތް އަބަދުވެސް ކުރިއަށްދާނެ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމެއް ތަރައްގީވަމުން އަންނައިރު އަޅުގަނޑުމެން ނުރުހޭ ބަދަލުތައްވެސް އަންނާނެ ކަމަށާއި އެކަންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފު އަމަލުތަކާއި، އިޖުތިމާއީ މައްސަލަތަކަށް ހައްލު ނުލިބި ކުރިއަށްދާނަމަ އެކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނާ ޖުމްހޫރީ ޕާޓީން ގައުމުގެ މިނިވަން ކަމާއި ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮރަޕްޝަން އިންޑެކްސް ވެސް ދުވަހުން ދުވަހަށް މައްޗަށް މިދަނީ. ޑްރަގްގެ ނިސްބަތްވެސް މިއުޅެނީ ވަރަށް މަތީގައި. ވަޒީފާ ތަކުގައި ހަރުދަނާކަމާއިއެކު ކިތައް މީހުންނަށްތޯ މަސައްކަތް ކުރަން ތިބެވެނީ. ސަރުކާރުން ދޭ އެއްޗަކަށް ލިބިދާނެ އެއްޗަކަށް ބަރޯސާވެގެން ތިބެގެން ނުވާނެ. ކޮންމެ މީހަކު ވެސް ތެދުވެރިކަމާއިއެކު މަސައްކަތް ވެސް ކުރަންޖެހޭ. ދުނިޔޭގައި ގައުމުތައް ކުރިއަރާ ކާމިޔާބު ލިބިފައިވަނީ މިގޮތަށް މަސައްކަތް ކޮށްގެން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަށް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު އެކުލަވާލެވުނު ކޯލިޝަން ސަރުކާރު ތަކުގެ ތެރެއިން ތަޖުރިބާ ތަކަކާއި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. ނަމަވެސް ކަމެއްގައި ނާކާމިޔާބީއާ ކުރިމަތިވާ ކޮންމެ ފަހަރަކީ ފަހަތަށް ޖެހެންޖެހޭ ސަބަބެއް ކަމަށް ދެކެވަޑަނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ނާކާމިޔާބުވާ ކޮންމެ ފަހަރަކު ގެއަށް ވަންނަން ވިސްނާކަށް ނުޖެހޭ. ކަންކަމަށް ބޭނުންވަނީ ވަރުގަދަ ހިތްވަރަކާއި ސާބިތުކަމެއް،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ޖޭޕީއާއި ޕީޕީއެމްއާއި ދެމެދު އެކުލަވާލާފައިވާ ކޯލިޝަން އެއްބަސްވުމާއި ގުޅޭގޮތުން މިއަދު ވެސް އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުން އުވާލެވިފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެއްބަސްވުން އުވާލެވިފައިވާ ކަމަށް ނިންމާ ސަރުކާރުގެ ވަޒީފާ ތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުން މަގާމު ތަކުން ވަކިކުރެއްވުމަކީ އެބޭފުޅުންނާއި އެބޭފުޅުންގެ އާއިލާ ތަކުގެ ހައްގުތައް ގެއްލި ވަރަށް ބޮޑު ނިކަމެތި ކަމެއް ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ނިކަމެތި ކަމެއް ދިވެހި އެއްވެސް ރައްޔިތަކަށް ލިބުމަށް އެދިވަޑައިނުގަންނަވާ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"އެންމެ މީހަކު ކުރާ ކަމަކުން އެންމެންނަށް ނުވަތަ މުޅި ޕާޓީއަށް ޕަނިޝްމަންޓް [އަދަބު] ލިބެންޖެހޭ ކަމަށް އަޅުގަނޑު ނުދެކެން،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ އެވެ. މިބައްދަލުވުމުގައި ޖުމްހުރީ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ އިސް ބޭފުޅުންނާއި، ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނާއި، އެޕާޓީ ބައެއް އާންމު މެންބަރުން ވެސް މިއަދުގެ މިބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ.
ޖޭޕީއަކީ ރައްޔިތުންގެ ހަގީގީ ޕާޓީ ކަމަށްވާތީ މި ޕާޓީއަށް ކިތަންމެ ބޮޑު ބަދަލެއް ވެސް ގެނެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ