ރ.އަލިފުށި އިންޖީނުގެއިން ރައްޔިތުންނަށް ކަރަންޓުގެ ހިދްމަތް ދެމުންއައި ދެ އިންޖީނު އޯވަރހޯލް ނުކުރެވިގެން އިންޖީނަށް މައްސަލަތައް ދިމާވުމުގެ ސަބަބުން ކަރަންޓްގެ ހިދްމަތް ހުއްޓިއްޖެއެވެ.
އަލިފުށި އިންޖީނުގޭގެ އެޑްމިނިސްޓްރޭޓަރ އޮފިސަރ މުހައްމަދު ހަސަން ބުނީ މިއަދު ހެނދުނު 07:15 ހާއިރުން ފެށިގެން އެރަށުން ކަރަންޓްގެ ހިދްމަތް ކެނޑިފައިވާ ކަމަށާއި އެމައްސަލަ ހައްލުކުރުމަށް ހެނދުނު 10:00 ޖަހަންދެން ކުރި މަސައްކަތުން ކާމިޔާބު ނުވެގެން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި ކަރަންޓްގެ ހިދުމަތަށް މައްސަލަދިމާވި މައްސަލައަކީ ރައްޔިތުންނަށް ކަރަންޓް ދިނުމަށްޓައި އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރު އޯވަރހޯލް ނުކޮށް ގިނަ ދުވަހު ބޭނުން ކުރުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.
"މިމައްސަލައަކީ މިއަދު އިއްޔެއަކު ދިމާވެގެން އުޅޭ މައްސަލައެއް ނޫން. މައްސަލައަކީ ދެއިންޖީނު މިހުންނަނީ. އެ ދެ އިންޖީނު އަބަދުވެސް ހިންގާފައި ބަހައްޓަން މިޖެހެނީ. އަދި އެ ދެ އިންޖީނު އޯވަރހޯލު ނުކުރެވި ގިނަ ދުވަސްތަކެއްވެއްޖެ. އޯވަރހޯލު ނުކުރެވިގެން އިންޖީނުތަކަށް މައްސަލަތައް ދިމާވީ،" މުހައްމަދު ހަސަން ބުންޏެވެ.
އިތުރަށް މުހައްމަދު ހަސަން ބުނީ އިންޖީނުތައް އޯވަރހޯލު ކުރުމަށްޓަކައި ބޭނުންވާ ހުރިހާ ސްޕެއާރޕާޓްސް އެތަނުގަ އެބަހުރިކަމަށާއި ނަމަވެސް އެކަމަކީ އެކަމުގެ ތަޖުރިބާކާރުން ލައްވާ ކުރަންޖެހޭ ކަމަކަށްވާތީ ނުވެފައިވާ ކަމެއް ކަމަށެވެ. އިތުރަށް މުހައްމަދު ބުނީ ފެނަކަ ކޯޕަރޭޝަނުން އެ ދެއިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރިކަން އެނގިފައިވާ ކަމަށާއި ބަޔަކު ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަންނުވެގެން އުޅޭ ސަބަބެއް ނޭނގޭ ކަމަށްވެސް މުހައްމަދު ބުނެއެވެ.
"އިންޖީނުގޭގައި ކުޑަ ޖަނަރޭޓަރެއް އެބަހުރި. އެކަމަކު އޭގެން ބޭނުންކުރެވޭނީ ފަހަރަކު ލައިނަކަށް. އެގޮތަށް ކަރަންޓްގެ ހިދްމަތް ބޭނުންނުވާތީ އަދި ކަރަންޓްގެ ހިދުމަތަށް ހައްލެއް ލިބިފައިނުވާތީ ރައްޔިތުން މިރޭ ތިބީ އަނދިރީގައި،" މުހައްމަދު ބުންޏެވެ.
އިތުރަށް މުހައްމަދު ބުނީ ކަރަންޓްގެ މައްސަލަ ބޮޑުކަމުން އިންޖީނުގޭގައިހުރި ކުޑަ އިންޖީނު މަރާމަތު ކުރުމަށްފަހު މީގެ ކުރިން ބޭނުން ކުރި ނަމަވެސް އެއިންޖީނަށް ލޯޑު ބޮޑުވެ މައްސަލަ ޖެހި އެއިންޖީނުވެސް މިއަދު ހެނދުނު ހުއްޓިފައިވާ ކަމަށެވެ.
މައްސަލަ ދިމާވީ މިއަދު ހެނދުނުކަމުން އަދި މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން އެކަމުގެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯނުން ފޯރުކޮށްދީފައިވާނެ ކަމަށްވެސް މުހައްމަދު ބުނެއެވެ.
އަލިފުށި އިންޖީނުތައް އޯވަރހޯލް ނުކުރެވި، ރައްޔިތުން ކަނުއަނދިރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ