އެސްއީޒެޑްގެ ބިލް އޮތް ގޮތުން ވިޔަފާރިތަކެއް ހަލާކުވުމުގެ ބިރު އެބައޮތް: ގާސިމް

ހާއްސަ އިގްތިސޯދީ ސަރަހައްދުތަކެއް ތަރައްގީކުރުމަކީ އަބަދުވެސް ތާއީދުކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރަން ސަރުކާރުން އެކުލަވާފައިވާ ސްޕެޝަލް އެކޮނިމިކް ޒޯން (އެސްއީޒެޑް) ބިލް މިހާރު އޮތް ގޮތުން ރާއްޖޭގެ ބައެއް މުހިއްމު ވިޔަފާރިތައް ހަލާކުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ވިލާ ގުރޫޕުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެސްއީޒެޑްގެ ބިލް ދިރާސާކުރަމުން ގެންދާ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް އެ ބޭފުޅަކަށް މިބިލްގެ ދަށުން ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައިވާތީ އެ ބާރުތައް ބޭނުންކުރައްވައިގެން ވަކި ބަޔަކަށް ބޮޑެތި ފުރުސަތުތަކެއް ހޯދައިދެވިދާނެ ކަމަށެވެ. އަދި އެކަމާއި ގުޅިގެން މުހިއްމު ވިޔަފާރިތައް ހަލާކުކޮށްލުމަށް ބަޔަކަށް ފުރުސަތު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ހާއްސަ އިގްތިސޯދީ ސަރަހައްދު ތަކުގެ ގޮތުގައި ތަރައްގީ ކުރާ ސަރަހައްދު ތަކުގައި ބޭނުން އަދަދަކަށް ވިޔަފާރިތައް ތަރައްގީކުރެވޭ ގޮތަށް އޮތުމުންނެވެ. ދުނިޔޭގެ އެހެން ގައުމު ތަކުގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތައް ތަރައްގީކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ ގައުމު ތަކުގައި ހާއްސަ އިގްތިސޯދީ ސަރަހައްދުތައް ހަނދަނީ ވަކި ހާއްސަ ކަންތައްތަކެއް ތަރައްގީކުރުމަށް އެކަންކަމަށް އަމާޒުކޮށްގެން ކަމަށެވެ. އަދި މިފަދަ ސަރަހައްދު ތަކުގައި އިންވެސްޓްކުރެވޭނެ ވިޔަފާރި ތަކާއި އަދަދުތައް ކަނޑައެޅިފައި ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮންމެ ގޮތަކުން ލައިގެން ނަމަވެސް ރައީސަކަށް ހުންނަ ބޭފުޅަކަށް މިދެވެނީ ވަރަށް ބޮޑެތި ބާރުތަކެއް. އެއީ ކޮންމެ ބޭފުޅަކު ހުއްޓަސް ވިސްނަން ޖެހޭނެ މައްސަލައެއް. މިއިން ހަމަ ޑޮލަރުކޮޅެއް ނަގާފައި ދެތިން ހަތަރު މީހަކު މުއްސަނދިކުރަން އިކޮނޮމިކް ޒޯންތަކެއް ހަދަންވީ. އެފުރުސަތު އެބައޮތް،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެސްއީޒެޑް ބިލްގައި ނުހެދިފައި ހުރި ރިސޯޓްތަކަށް އިކޮނޮމިކް ޒޯންގެ ތެރެއިން ލިބޭ އިނާޔަތްތަކުގެ 40 ޕަސަންޓް ލިބޭނެ ކަމަށް ބުނެފައިވާތީ އެކަމާއި ގުޅޭ ގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އެއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ މައްސަލައެއް ކަމަށެވެ. އެގޮތުން ވިދާޅުވީ ބިލް މިހާރު އޮތް ގޮތުން ވަކި ބަޔަކު ހިންގާ ވަކި ރިސޯޓް ތަކަކަށް މިބިލްގައި ބުނާ އިނާޔަތްތައް ލިބިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އިނާޔަތް ދޫކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް ބިލްގައި ހިމެނިފައި އޮތުން މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިއްމު ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށްވާތީ މިދާއިރާއަށް އެއްވެސް ގެއްލުމެއް ލިބޭ ގޮތަށް މިބިލް ޑްރާފްޓް ކުރެވިފައި އޮވެގެން ނުވާނެ ކަމަށެވެ. ނަމަވެސް ތަކުރާރުކޮށް ގާސިމް އިބްރާހީމް ވިދާޅުވީ ހާއްސަ އިގްތިސޯދީ ސަރަހައްދުތަކެއް ތަރައްގީކުރުމަކީ އަބަދުވެސް ތާއީދުކުރައްވާ ކަމެއް ކަމަށެވެ. އަދި މިބިލްގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަން ހައްލުކޮށްގެން މިބިލް ފާސްކުރުމަށް ދެކޮޅު ނުހައްދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ އެސްއީޒެޑް ބިލަކީ ރާއްޖެ ތަރައްގީ ކުރުމަށް ކޮންމެހެން މުހިއްމު ބިލެއް ކަމަށެވެ. އަދި މިބިލް އަވަހަށް މަޖިލީހުން ފާސްކުރުމަށް ވެސް ސިޔާމް އެދިވަޑައިގެންނެވި އެވެ.
ގިނަ ރިސޯޓްތަކެއް ވެސް ހިންގަވަމުން ގެންދަވާ ސިޔާމް ވިދާޅުވީ އެސްއީޒެޑް ބިލް ގާނޫނަކަށްވެ ހާއްސަ އިގްތިސޯދީ ސަރަހައްދުތައް ތަރައްގީވުމުން އިންވެސްޓްމަންޓް ބޭންކްތައް ރާއްޖެ އަންނާނެ ކަމަށާއި، އެކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިރުން ލިބި ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޭންކް ތަކުން އިންވެސްޓަރުންނަށް މިހާރު ލޯން ނުދޭ މައްސަލައަށް އޭރުން ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ދަންނަވާނީ އަވަސްކުރަންވީ މުހިންމު ބިލެކޭ. މިއީ ހުއްޓިފައިވާ އިންވެސްޓްމަންޓްތައް ހިނގައިގަންނާނެ ބިލެއް،" ސިޔާމް ވިދާޅުވި އެވެ.
އެސްއީޒެޑް ބިލްގައި ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ދީފައިވާތީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ވަނީ އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިބިލްގެ ސަބަބުން ލޯކަލް ކައުންސިލް ތަކުގެ ބާރު ހަނިވެ ކައުންސިލް ތަކުގެ މަސައްކަތްތަކަށް ބުރޫއަރައިގެންދާނެ ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.
އެކޮނޮމިކް ޒޯންގެ ބިލް އަވަހަށް ނިންމުމަށް ސަރުކާރުން ބޭނުންވާތީ އިގްތިސޯދީ ކޮމިޓީގައި މިބިލާއި ގުޅޭގޮތުން ކުރެވެމުންދާ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލުމަށް ކޮމިޓީން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ