ޖޫން ހަވަނަ ދުވަހު ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ޖޫން މަހުގެ ހަ ވަނަ ދުވަހު ހަވީރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވާކަމަށް އެނާޖީ މިނިސްޓްރީން ބުނެފިއެވެ.
ތިމާވެށީގެ ދުވަހަކީ ޖޫ މަހުގެ ފަސް ވަނަ ދުވަހެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުތަރު ހަލީމް ވިދާޅުވީ ޖޫން ހަވަނަ ދުވަހު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައިވަނީ އެ ދުވަހުގެ ހަވީރު 4.00 ފެށިގެން ރޭގަނޑު 8.30 ހަމައަށް ކަމަށެވެ.
"މިވަގުތުތަކުގައި ހުއްދަ ދެވިފައިވާ މަދު ވެހިކަލްތަކެއް ފިޔަވައި ނުދުއްވާނެ. އެފަދައިން އަމަލު ނުކުރާ ފަރާތްތަކަށް ފުލުހުން ފިޔަވަޅު އަޅަމުންދާނެ،" ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފައިމަގުގައި ހިނގާފައި އުޅުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ވެސް ތިމާވެށީގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން ޖޫން އައްވަނަ ދުވަހު ހެނދުނު 8:00 ޖަހާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޕަރަގްރާމެއް ފަށާނެ ކަމަށެވެ.
"މާލޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެން ގަސް އިންދަވައިދެއްވާނެ،" އަޙްތަރު ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވީ އެ ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށްގެންދާއިރު ރަށްރަށުގައި އެކަން ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން ތިމާވެށީގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތު އޮންނާނީ ފަސްވަނަ ދުވަހު ރައީސް އޮފީހުގައި ބާއްވާއިރު އެ ރަސްމިއްޔާތުގައި ތިމާވެއްޓަށް ޚިދުމަތްކޮށްދޭ ފަރާތްތަކަށް ފެހި ފަތްދިނުން އޮންނާނެ އެވެ. އެ ދުވަހުގެ ރޭ ތިމާވެއްޓާބެހޭ މައުލޫމާތުތައް ލިބޭ ގޮތަށް މިއުޒިކް ޝޯއެއް މާލޭގައި ބާއްވާއިރު ޝޯޝަލް މީޑިޔާއާއި ފޮޓޯ ކޮންޕެޓިޝަނެއް ވެސް ހިންގާ، ޖޫން ހަތެއްގައި ރަށްތައް ސާފުކުރުމުގެ ޕަރަގްރާމެއް ވެސް ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ