އިންޑިއާގައި ސްކޫލް ބަހެއް އެކްސިޑެންޓްވެ 15 ދަރިވަރުން މަރުވެއްޖެ

އިންޑިއާގެ އުތުރުގައި އޮންނަ ސްޓޭޓްއެއް ކަމަށްވާ އުއްތަރް ޕްރަދޭޝްގައި ސްކޫލް ކުދިންނާއިއެކު ދަތުރު ކުރަމުންދިޔަ ބަހަކާއި ޓްރަކްއެއް ޖެހި ދިމާވި އެކްސިޑެންޓްގައި މަދުވެގެން އިންޑިއާގެ 15 ކުދިން މަރުވެ އިތުރު 45 މީހަކަށް އަނިޔާ ވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އެސްޓޭޓްގެ ވެރިރަށް ލަކްނައުގެ 265 ކިލޯމީޓަރު ބޭރުން ހިނގި އެކްސިޑެންގެ ސަބަބުން 14 ކުދިން ތިބީ ވަރަށް ސީރިއަސް ހާލެއްގައި ކަމަށް ސީނިއާ ޕޮލިސް އޮފިސަރަކު މަޢުލޫމާތު ދެއްވި ކަމަށް ބީބީސީއިން ރިޕޯޓް ކުރެއެވެ.
ބޮޑު ވަޒީރު ނަރޭންދްރަ މޯދީވެސް ވަނީ އެހާދިސާއާއިމެދު ހިތާމަވެރިކަން ފާޅުކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނު ރާހުލް ސްރީވާސްތަވާ ވިދާޅުވީ އެކްސިޑެންޓް ދިމާވާން މެދުވެރިވި ސަބަބު އަދި މުޅިން ނޭނގޭ ކަމަށެވެ.
އެހެންނަމަވެސް ހާދިސާ ހިނގި ވަގުތު އެސަރަޙައްދުގައި ދުންފިނީގެ ސަބަބުން ވިޒިބިލިޓީ (ތަންތަން ސާފުކޮށް ފެންނަ މިންވަރު) ވަރަށް ދަށްކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
އެހާދިސާގެ ޝިކާރައަކަށް ވެފައިވަނީ ތިން އަހަރާއި 12 އަހަރާއި ދެމެދުގެ ސްކޫލް ކުދިންނެވެ.
އިންޑިއާއަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް މަގުމަތީ އެކްސިޑެންޓްތައް އެންމެ ގިނަ ޤައުމެވެ. އެގޮތުން ކޮންމެ ހަތަރު މިނެޓަކު އިންޑިއާގައި އެކްސިޑެންޓެއް ވެއެވެ.
2015 ވަނަ އަހަރުގައިވެސް 146،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތީ ކާރިސާތަކުގައި މަރުވެފައެވެ.
އެކްސިޑެންޓްތައް ދިމާވާން އާންމުކޮށް މެދުވެރިވާ ސަބަބުތަކަކީ މަގުތައް ހަލާކުވެފައި ވުމާއި، ދުވަސްވީ ވެހިކަލްތައް ބޭނުން ކުރުން އަދި ފަރުވާ ކުޑަކޮށް ދުއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ