ކޮޅުވެއްޓި ބަންޑުން ޖަހާލުން: ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ދިވެހި މީހާ ވެސް މަރުވެއްޖެ

މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ދިވެއްސަކު ވެސް ރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޕީއެލްއާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައިވަނީ އިއްޔެ 3:44 ހާއިރު އެވެ. ޖުމްލަ 14 މީހަކު ތިބި މި ކޮޅުވެއްޓި ބަންޑުން ޖަހާލުމާ ގުޅިގެން ފަރުވާއަށް ހަ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވެ އެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ. 
ތަފްސީލް -  ރޭ މަރުވެފައިވަނީ އަލީ ފަލާހު އަބްދުﷲ، 25، ދިލްބަހާރުގެ/ގއ. ގެމަނަފުއްޓެވެ.
އައިޖީއެމްއެޗުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި އޭނާ މަރުވެފައިވަނީ ރޭ ދަންވަރު 2:45 ހާއިރު އެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދެ އެެވެ.
އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އެހެން އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދަނިކޮށް އިއްޔެ ވަނީ ބިދޭސީއަކު ވެސް މަރުވެފަ އެވެ. އިއްޔެ މަރުވީ، ބަންގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދު ހުސެން، 32، އެވެ.
ގުޅުން ހުރި - މިދިޔަ މަހު ކ. އެރިޔަދޫ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު މަރުވި އެވެ. މީގެ އިތުރުން، މިިދިޔަ ޖޫން މަހު ވެސް ޅ. އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ