ހުޅުމާލޭގައި ވަޤްފް އިމާރާތް އަޅަން 244.5 މިލިއަން ރުފިޔާގެ އަގަކަށް އާރުސީސީއާ ހަވާލުކޮށްފި

ހުޅުމާލޭގައި ބިނާކުރުމަށް ނިންމި ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް ކުރުމަށް 244.5 މިލިއަން ރުފިޔާގެ އަގަކަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ވެވުނު އެއްބެސްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ 12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެއް ކަމަށެވެ. މި ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ​ގްރައުންޑް ފްލޯގައި ހާއްސަކޮސްފައިވަނީ، ރިސެޕްޝަން ސަރަހައްދުގެ އިތުރުން ޕާކިންގެ ބޭނުންަކަށެވެ.
ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު، ތިން ވަނަ ފަންގިފިލާއިން ފެށިގެން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ޢިމާރާތުގެ ​ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ​ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ. މީގެ އިތުރުން މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަންވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރުމަށް ވަނީ ނިންމާފައެވެ.
އިމާރާތުގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މަޝްރޫޢުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ވަނީ އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައިވެސް ވަޤްފު އިމާރާތް ބިނާކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ