3،000 މީހުންގެ އާބާދީއެއް އޮތް ގދ. މަޑަވެއްޔަށް ނަރުދަމާގެ ހިދުމަތް ނުލިބި އޮއްވާ އަތްޖެހެން ނެތްކަމަށް މަޑަވެލީ ދާއިރާގެ މެންބަރ މުހައްމަދު ޝަމީޒު ވިދާޅުވެއްޖެއެވެ. މަޑަވެއްޔަށް ނަރުދަމާގެ ހިދުމަތް ނުލިބޭހާ ހިނދަކު "އަޅުގަނޑުމެންނަށް ނެތް އަތްޖެހޭކަށެއް" ޝަމީޒު ވިދާޅުވިއެވެ.
ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރ ޝަމީޒު ވިދާޅުވީ މަޑަވެލި މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި ކަމަށެވެ. މުއިއްޒު ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފައި ނެތްކަން ޝަމީޒު ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓު ބަހުސްގައި މަޑަވެލި ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށް ދެއްވާފައިވާ ކަމުގައި ވިދާޅުވަމުން މަޑަވެލި ދާއިރާގައި ހިމެނޭ ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބު އޮޅުން ނުފިލާ ކަމަށް ވިދާޅުވިއެވެ. އެކަންކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުންނަށް އެކަށީގެންވާ ޖަވާބެއް ވެސް ނުލިބޭ ކަމަށް ވިދާޅުވެ މަޑަވެލި ދާއިރާގެ މެންބަރ ނުރުހުން ފާޅުކުރެއްވިއެވެ.
ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށާއި އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ ވިދާޅުވެ މީގެ ހަތަރު މަސް ކުރިންވެސް ޝަމީޒު ވަނީ މަޖިލީހުގައި ސުވާލު އުފައްދަވާފައެވެ.
ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ކުރީން ވެސް ޝަމީޒް ވިދާޅުވަމުން ގެންދަވާފައިވެއެވެ.
ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަކަށް ކަމަށާއި މަޑަވެލީގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ވާހަކަވެސް ތަކުރާރުކޮށް ދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަށް ހައްލު ނުލިބޭ ކަމަށާއި އަސާސީ އެހެން ހިދުމަތްތައް ވެސް މަޑަވެލި ދާއިރާގައި ނުލިބޭކަން މެންބަރ ޝަމީޒު ފާހަގަ ކުރެއްވިއެވެ.
މަޑަވެއްޔަށް ނަރުދަމާ ނުލިބި އަތްޖެހޭކަށް ނެތް: ޝަމީޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ