ގުދުކަށިގަނޑަކުން ހައްވާގެފާނު އުފެއްދެވިކަމީ އެކަނބަލުންނަށް ލިބޭ ނިކަމެތިކަމެއް ނޫން! ދެއްވެވި މަތިވެރިކަން ދަސްކޮށްބަލަ!: ޝައިޚް އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ
 
ޝެއިޚް މި ސުވާލަކީ ޞައްޙަ ޙަދީޘަކާ ގުޅޭ ގޮތުން ކުރެވޭ ސުވާލެކެވެ. އެ ޙަދީޘުގައި ބަޔާންކުރެވިފައިވަނީ އަހަރުމެން އަންހެނުންނާމެދު ހެޔޮކޮށް މުޢާމަލާތްކުރަންޖެހޭނެ ކަމަށާއި، އަންހެނުން އުފެދިފައިވަނީ ކަށިގަނޑުގެ ބައަކުން ކަމަށެވެ. މީގެ މާނައަކީ ކޮބައިތޯ؟ އަންހެނުންނަކީ ގުދު ބައެއްތޯ؟ 
ޖަވާބު:
މި ޙަދީޘުގައި ބަޔާންކުރެވިފައިވަނީ އަންހެނުން ޚަލްޤުކުރެވުނު ގޮތުގެ އަޞްލާ ބެހޭ މަޢުލޫމާތެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ މަށިން ނުވަތަ ވެލިން ކަމަށް ބުނެވޭއިރު، ޙައްވާގެފާނު ޚަލްޤުކުރެވުނީ އާދަމްގެފާނުގެ ވާތްފަރާތުގެ ކަށިގަނޑުން ކަމަށް ބަޔާންކުރެވިފައިވެއެވެ. މި ކަށިގަނޑަކީ ސީދާ ކަށިގަނޑެއް ނޫން، ގުދު ކަށިގަނޑެއް ކަމަށް ނަބިއްޔާ ﷺ އަހަރެމެންނަށް އަންގަވާފައިވެއެވެ. 
ޢިލްމުވެރިންގެ ތަފްސީރުގައި، މި ގުދު ކަށިގަނޑުގެ މަތިވެރި ހިސާބު ދޭހަކޮށްދެނީ އަންހެނުންގެ ކިބައިގައިވާ ދަރިންނަށް އޯގާތެރިވުމާއި ލޯބިވުމުގެ ޚާއްޞަ ސިފައެވެ. މިއީ އަންހެނުންނަށް ކުރެވޭ ފާޑުކިޔުމެއް ނޫނެވެ. އެހެނަސް، އެމީހުން ޚަލްޤުކުރެވުނު ގޮތުގެ އަޞްލީ ސިފައެކެވެ.
ފިރިހެނުންނާއި އަންހެނުންގެ ޠަބީޢަތުގެ ތަފާތު ބަޔާންކުރުމުގައި، ފިރިހެނުންނަކީ އާންމު ގޮތެއްގައި އިޙްސާސްތައް ފާޅުނުކުރާ، މަދުން ވާހަކަ ދައްކާ، އަދި ކުދިކުދި ކަންކަމުގައި ފަރުވާތެރި ބައެއްގެ ގޮތުގައި ސިފަކުރެވެއެވެ. އަންހެނުންނަކީ މީގެ އިދިކޮޅު ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގައި ބަޔާންކުރެވެއެވެ. 
މި ތަފާތުތަކަކީ އިންސާނީ ފިޠުރަތުގައި އެކުލެވިގެންވާ ކަންކަން ކަމަށް ބެލެވޭއިރު، މިއީ ދެ ޖިންސުގެ މެދުގައި ހުރި ތަފާތުތަކެއްގެ ގޮތުގައި ދެކި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއެކު، އެއްބައިވަންތަކަމާއެކު ދިރިއުޅުމަށް ބާރުއަޅާ ކަންކަމެވެ. 
އަންހެނުންނަކީ ނާޒުކު އިޙްސާސްތަކުން ފުރިގެންވާ ބައެކެވެ. އެމީހުންގެ ކިބައިގައި އޯގާތެރިކަމާއި ލޯބި އެކުލެވިގެންވެއެވެ. މި ސިފަތަކަކީ އެމީހުންގެ ނިންމުންތަކަށް އަސަރުކޮށްފާނެ ކަންކަމެވެ. އެހެންކަމުން، އަންހެނުންނަށް ބުއްދިވެރި ލަފައެއް ބޭނުންވެއެވެ. އެއީ އަވަސްވެގަތުމުގެ ސަބަބުން ފަހުން ދެރަވާންޖެހިދާނެ ނިންމުމެއް ނުނިންމުމަށްޓަކައެވެ. 
މާތްﷲ ވަރިކުރުމުގެ ބާރު ފިރިހެނުންގެ އަތުގައި ބޭއްވެވުމުގެ އެއް ޙިކުމަތަކީ މިއީ ކަމަށް ބެލެވެއެވެ. އެއީ އަންހެނުންގެ އަތުގައި އޮތްނަމަ، އިޙްސާސްތަކުގެ ތެރެއިން އަވަސްވެގަތުމުގެ ސަބަބުން ކައިވެނީގެ ފުރަތަމަ ދުވަސްތަކުގައި ވަރިވެދާނެތީއެވެ. މިއީ އަންހެނުންނަށް ކުރެވޭ އިހާނެތިކަމެއް ނޫނެވެ. އެއީ މާތްﷲ އެމީހުން ޚަލްޤުކުރެއްވި ގޮތެވެ. މި ނާޒުކު އިޙްސާސްތަކަކީ ފިރިހެނުންނާއި އަންހެނުންގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމު ބައެކެވެ.
ކައިވެނީގެ ގުޅުމުގައި ފިރިހެނުންނާއި އަންހެނުންނަކީ ތަފާތު ދެ ޤުޠުބެއް ފަދައެވެ. މި ތަފާތުތަކުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ޖެހިލުންވެއެވެ. އެހެންކަމުން، އަންހެނުންގެ ޠަބީޢަތަށް ރިޢާޔަތްކޮށް، އެމީހުންގެ އިޙްސާސްތަކަަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. 
ފިރިމީހާ އޭނާގެ އަނބިމީހާގެ ކޮންމެ ޢަމަލަކަށް ފާރަވެރިވެ، ކުދިކުދި ކަންކަމުގައި ޒުވާބުކޮށް، އަބަދުމެ އިޞްލާޙުކުރަން މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ އަނބިމީހާގެ ޠަބީޢަތު ބަދަލުކުރަން މަސައްކަތްކުރުން ފަދައެވެ. މިފަދަ ޢަމަލުތަކުން ގެއްލުން ލިބި، ކައިވެނި ނިމުމަކަށް އަތުވެދާނެއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ އަނބިމީހާގެ ރަނގަޅު ސިފަތައް ބަލައިގަނެ، އޭނާގެ އުނިކަންތައްތައް ޤަބޫލުކުރުމެވެ. މިއީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ކައިވެނި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. 
އަނބިމީހާގެ ކިބައިގައި ހުންނަ އުނިކަންތައްތަކާއި މަދުކަންތައްތައް ޤަބޫލުކޮށް، އޭނާއާއެކު އުފާވެރިކަމާއެކު ދިރިއުޅުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތެވެ. ނަމަވެސް މިއީ އޭނާ ﷲގެ ޙުދޫދުތައް ފަހަނައަޅައި، ފާފަވެރި އަދި ޙަރާމް ޢަމަލުތަކުގައި ބައިވެރިނުވާހާ ހިނދަކުއެވެ. އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަންތައްތަކެއް ނޫނެވެ. މި ކަންކަމުގެ ޙަޤީޤަތް ﷲ އެންމެ ރަނގަޅަށް ދެނެވޮޑިގެންވެއެވެ. 
މި ނަޞޭޙަތުގެ މާނައަކީ ފިރިހެނުންގެ ކިބައިގައި އެއްވެސް އުނިކަމެއް ނުވަތަ މަދުކަމެއް ނުހުންނާނެ ކަމަކަށް ނޫނެވެ. ޙަޤީޤަތުގައި، ފިރިހެނުންގެ ކިބައިގައިވެސް އެތައް އުނިކަމަކާއި މަދުކަމެއް ހުރެއެވެ. ނަމަވެސް ނަބިއްޔާ ﷺ މި ޙަދީޘްފުޅުގައި މުޚާޠަބުކުރައްވަނީ ފިރިހެނުންނާއެވެ. އެއީ އިސްލާމީ ޝަރީޢަތުގައި ފިރިހެނުންނަކީ ޢާއިލާގެ ބެލެނިވެރިންގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީއެވެ. އެކަލޭގެފާނުގެ މި ނަޞޭޙަތްފުޅުގެ މަޤްޞަދަކީ އަނބިންގެ ސިފަތަކުގައި ހުރެދާނެ އުނިކަންތައްތަކަށް ފިރިހެނުން ސަމާލުވެ، އެކަންކަމާމެދު ޙިކުމަތްތެރިކަމާއެކު ޢަމަލުކުރުމަށް އިރުޝާދު ދެއްވުމެވެ. 
އެކަލޭގެފާނުގެ މި ބަސްފުޅުގެ މާނައަކީ ހުރިހާ ފިރިހެނުންނަކީ ފުރިހަމަ، އިންސާފުވެރި، ޢަދުލުވެރި، ބުއްދިވެރި އަދި މަންޠިޤީ ބައެއްކަމަކަށް ނޫނެވެ. އަހަރެމެންނަށް އެނގިފައިވާ ގޮތުގައި ފިރިހެނުންގެ ކިބައިގައިވެސް ނުރަނގަޅު ސިފަތައް ހުރެދާނެއެވެ. ނަމަވެސް މި ޙަދީޘްފުޅުގައި އެކަލޭގެފާނު އަލިއަޅުއްވާލައްވަނީ ވަކި ޚާއްޞަ މައްސަލައަކަށެވެ. އެއީ އިސްލާމީ ނަޒަރިއްޔާތުން ފިރިހެނުންނަކީ ޢާއިލާގެ އިސްވެރިންނާއި ބެލެނިވެރިންގެ ގޮތުގައި ބެލެވޭތީ، އެމީހުންނަކީ ގޭތެރޭގެ ކަންކަން ބަލަހައްޓައި، އެކަންކަމާމެދު ހޭލުންތެރިވާންޖެހޭ ފަރާތްތަކެއް ކަމުގައިވާތީއެވެ.
 
- ޝައިޚް ޢާޞިމް އަލްޙަކީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ