"ރައީސް ހެދީ ބުހުތާނު ދޮގެއް، ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ކަމަށް އެޑިޓަރަކު ވިދާޅެއް ނުވޭ" "ރައީސް ހެދީ ބުހުތާނު ދޮގެއް، ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ކަމަށް އެޑިޓަރަކު ވިދާޅެއް ނުވޭ"

ނޫހެއްގައި އޮންނަނީ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް ކަމަށް ނޫހެއްގެ އެޑިޓަރަކު އެމަނިކުފާނު އަރިހުގައި ދެންނެވި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ހެއްދެވީ ބުހުތާނު ދޮގެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސް އަހްމަދު ނާއިފް ވިދާޅުވެއްޖެ އެވެ.
މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެއްކަން އިއުލާން ކުރާ ހިސާބުން އެ ނޫހެއްގެ ޕްރޮފެޝަނަލްކަން ގެއްލޭނެ ކަމަށް މުއިއްޒު ކަނޑައެޅުއްވި އެވެ.
"އަޅުގަނޑާ އެކީގައި އެންމެފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެންމެ އަޅުގަނޑާ ސުވާލުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރު ނޫނީ އިސްވެރިޔާ ވިދާޅުވީ ތިމަންނަމެންގެ ނޫހަކީ ސަރުކާރާ ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް ކަމަށް. އެ ހިސާބުން އޭގެ އަންބަޔަސްކަން (ވަކި ކޮޅަކަށް ބުރަނުވުން) ގެއްލުނީ، ވަކި އަތަކަށް ޖެހިފައި އެވަނީ. އެ ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާއިރު ދެން ލެންސު އިންނާނީ އިދިކޮޅު ލެންސެއް. އެހެންވީމާ އެއީކީ ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް،" މިފަހުން ގާނޫނު މެދުވެރިކޮށް ރާއްޖޭގެ މީޑިއާ ކޮންޓްރޯލް ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ސަރުކާރު ހިންގަވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އެ ނިސްބަތްކުރި ނޫސްވެރިޔަކީ ރޭ އެ ބައްދަލުވުމުގައި ސުވާލުކުރި އަދަދުގެ ނޫސްވެރިޔެކެވެ. އަދި އެ އިޝާރާތްކުރައްވާ ބައްދަލުވުމަކީ މިހާރު އަމަލުކުރަމުން އަންނަ މީޑިއާ ކޮންޓްރޯލް ގާނޫނު މަޖީލީހުގައި އޮތްއިރު އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކުރުމަށް މުއިއްޒުއާ ބައްދަލުކުރުމަށް ދިޔަ ނޫސްވެރިންއެކު އޮގަސްޓު 28، ގައި ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެކެވެ.
ތަޖުރިބާކާރު ނޫސްވެރިޔާ ނާއިފް މުއިއްޒުގެ ވާހަކަތައް ސިފަކުރީ ދީނީ ކާޑު ބޭނުންކޮށްގެން ރައްޔިތުން މެނިޕިއުލޭޓު ކުރުމަށް ނުވަތަ ނާޖާއިޒު މަންފާއެއް ނެގުމަށް ދެއްކި ވާހަކަތަކެއްގެ ގޮތުގަ އެވެ. ގާނޫނުއަސާސީގެ ހުދޫދުގެ ބޭރުން ހިޔާލު ފާޅުކުރަން ފުރުސަތު ދިނުމަށް އެއްވެސް ނޫސްވެރިޔަކު ނުބުނާ ކަމަށް ނާއިފް ވިދާޅުވި އެވެ.
"ނޫހެއްގެ އެޑިޓަރަކު ވިދާޅެއް ނުވޭ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ އޮންނަނީ. ބަހުސްގެ ބޭނުމަށް އެފަދަ ޕޮލިސީއެއް ނޫހެއްގައި އޮތަސް އެއީ މައްސަލައެއް ނޫން. ސަރުކާރެއް ޒިންމާދާރުކޮށް ދުޅަހެޔޮ މުޖުތަމައެއް އުފެއްދުމަށް އެކި ހިޔާލުތަކަށް (ޕްލޫރަލިޒަމް) ޕަބްލިކް ޑިސްކޯސް (އާންމު ބަހުސް ތަކަށް) ފުރުސަތު އޮންނަން ޖެހޭ. އެހެން ވީމާ އެކި އެޑިޓޯރިއަލް ސިޔާސަތުތައް ގެންގުޅޭ ނޫސްތައް ހުންނާނެ،" އެކްސްގައި ނާއިފް ލިޔުއްވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު ވެސް ވަނީ އެފަދަ ވާހަކައެއް އެއްވެސް ނޫސްވެރިޔަކު މުއިއްޒު އަރިހުގައި ނުދައްކާ ކަމަށް ވިދާޅުވެފަ އެވެ. އެކަން ރައީސް އޮފީހުގެ ރެކޯޑުތަކުން ސާފުވާނެ ކަމަށް ފިޔާޒު ލިޔުއްވި އެވެ.
"ނޫސްވެރިންތަކަކާއެކު ރައީސް އޮފީހުގައި ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ، އޯޑިއޯ /ވީޑިއޯ ރެކޯޑިން އެ އޮފީހުގައި ހުންނާނެ. މާފަންނު ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ރައީސް އޮފީހުގެ ބައްދަލުވުމުގައި ނުބުނޭ،" ފިޔާޒު އެކްސްގައި ލިޔުއްވި އެވެ.
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލައަށް ހައްލެއް ހޯދޭނެ މަގު ނުފެންނަ ކަމަށް ނާއިފް ވިދާޅުވި އެވެ. އަދި މުއިއްޒުއަކީ ރާއްޖޭގައި "ނެތް ފެންވަރު ދޮގުވެރިއެއް" ގެ ގޮތުގައި ނާއިފް ސިފަކުރެއްވި އެވެ.
ނޫސްވެރިކަން ތަންމިނަށް ހުޅުވާލެވިފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން އެންމެ ބޮޑު ޕްރޮޕަގަންޑާ ކެމްޕޭނެއް ހިންގަމުން ދަނީ ސަރުކާރުންނެވެ. ދޮގު މައުލޫމާތު ފެތުރުމާއި ކަންކަމުގެ އަސްލު އޮޅުވާލުމަށް ސަރުކާރުގެ އެންމެ މަތީ ފަޑިން ފެށިގެން ތިރިއާ ހަމައަށް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ފަދަ ގާނޫނާ ހިލާފު ކަންކަމުގެ ވާހަކަ ގެނެސްދިނުމަކީ ސަރުކާރާ ދެކޮޅުވުން ކަމަށް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކަށް ނުތަކާވަރަށް ނަގާފައި ތިބި ސިޔާސީ މުވައްޒަފުންގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވެފައި އޮންނަނީ އެކި މަންސަތަކުގައި ސަރުކާރު ދިފާއުކޮށް މުއިއްޒުގެ ޕްރޮޕަގަންޑާ ފެތުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ