އިބްރާހިމާއި ފަރަހަނާޒްގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު

އިއްޔެގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނުނު އައްޑޫ ސިޓީ ހިތަދޫ ކްރޭންގޭ އިބްރާހިމް އަބްދުﷲ (60އ) އަދި މަރަދޫ ނާރެސް، ފަރުހަނާޒް ރަޝީދު (52އ) ގެ ޖަނާޒާ މާދަމާ ބާއްވަން ނިންމައިފި އެވެ.
އިބްރާހިމާއި ފަރުހަނާޒްގެ ހަށިގަނޑު މިވަގުތު އޮތީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގަ އެވެ. ފިނިކޮށާރުގައި ބާއްވާފައި އޮތީ ފުލުހުންގެ ތަހުގީގަށެވެ. ނަމަވެސް މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ.
އާއިލާއިން ބުނީ ދެމަފިރީންގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު ހިތަދޫ، މަސްޖިދުއްތަގުވާ -- ހުސައިން މޫސާ މިސްކިތުގައި އޮންނާނެ ކަމަށެވެ.
އިބްރާހިމާއި ފަރުހަނާޒް ވެއްޓިފައި އޮއްވާ ފެނުނީ އެ ގޭގެ ފާހާނާ ތެރެއަށެވެ. އެ ތަނުގައި މަސައްކަތް ކުރަން އުޅުނު ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އިބްރާހިމްގެ ބޯ އޮތީ ފެޅިފަ އެވެ. އެހެން ކަމުން ބެލެވެނީ އޭނާ ވެއްޓުނީ ކަމަށެވެ.
ކައިރީގައި އޮތް ފަރުހަނާގެ ހަށިގަނޑުން ވެސް ކޮންމެވެސް ވަރެއްގެ ކުދިކުދި ޒަހަމްތައް ފެންނަން ހުރި ކަމަށް އާއިލާ އިން ބުނެ އެވެ.
ފެނުނުއިރު ދެ މީހުން ވެސް އޮތީ ނިޔާވެފަ އެވެ. ބެލެވޭ ގޮތުން އިބްރާހިމް މަރުވިތާ އިރުތަކެއް / ގަޑިއިރުތަކެއް ވެއްޖެ އެވެ. ހަށިގަނޑު ހަރުވެފައި ވުމުން އެކަމަށް ހެކި ދެ އެވެ.
އިބްރާހިމާއި ފަރުހަނާޒް ނިޔާވި ސަބަބާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އިއްޔެ ބުނިހާ ވެސް އެއްޗަކީ ޝައްކު ކުރެވޭ ފަދަ ކަމެއް ނެތެވެ. މާނަ އަކީ އެއީ މީހަކު ކުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބުނެވޭނެ ހެއްކެތް ނެތް ކަމެވެ.
ގިނަ ބަޔަކު އިއްތިފާގުވާ ގޮތަކީ އެގެއަށް ކަރަންޓް ދިނުމަށް ގެނެސްފައި ހުރި އިންޖީނުން ދިމާވި ކަމަކުން ދެ މީހުން ވެސް ނިޔާވީ ކަމަށެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދެ މީހުން ނިޔާވީ އިންޖީނުގެ ދުމުގެ ސަބަބުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އިބްރާހިމް ނިޔާވީ ކަރަންޓްގައި ޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ