ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީ އިސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ އިސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އިސްދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ކަރަންޓާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ބޭނުންނުކުރެވޭ ޖަނަރޭޓަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް 8 ކްލާސްރޫމް ބޭނުންވާކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ މަރުކަޒަށް އިތުރު މުވައްޒަފުންނާއި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. ރަށުގެ ފުޓްސަލް ދަނޑުގެ ޓަރފް ބަދަކޮށްދެއްވުމަށާއި ދުވާ ޓުރެކެއް ގާއިމު ކޮށްދެއްވުމާއި، ރަށަށް އިންޑޯރ ބެޑްމިންޓަން ކޯޓެއް ބޭނުންވާކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ހެރިޓޭޖް ޑިވެލްޕްމެންޓް ޕްލޭން ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ