އަންނަ އަހަރު އެންމެ އިސްކަންދޭނީ ނަމާދަށް ލޯބި ޖެއްސުމަށް

އަންނަ އަހަރު ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަމާދަށް ލޯބި ޖެއްސުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރު އިސްލާމިކް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރާ އަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރި ކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އިޖުތިމާއީ އަދި ދީނީ ހަރަކާތްތައް ހިންގާ ޖަމިއްޔާތަކަށް މާލީ އެހީ އާއި އަދި އެހެނިހެން އެހީ ދިނުމަށް ނިންމާފަ އެވެ.
އެގޮތުން ނަމާދު ކުރުމަށް އަހުލުވެރިކުރުވާ ފަދަ ޕްރޮގްރާމުތަކާއި ކުދި މަޝްރޫއުތަކަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ޝަހީމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުތެރޭ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެތެރޭގައި ޒުވާން ޙާފިޒުން ބިނާކުރުމާއި ޒުވާން ޚަތީބުންނާއި އިމާމުން ބިނާކުރުމާއި އިމާމުންނަށް އިތުރު ތަމްރީނު ދިނުމުގެ ކަންކަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ