ރަސްދޫ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އއ. ރަސްދޫ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ.
ސަރުކާރުން އއ. ރަސްދޫގައި އަޅަނީ 50 ހައުސިންގ ޔުނިޓެވެ. ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ 50 ހައުސިން ޔުނިޓް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެގޮތުން ހިލަވެއްޔާއި ސިމެންތިއާއި ދަގަނޑުގެ އިތުރުން އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީވެސް މިހާރު ވަނީ ގެންގޮސްފައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ރަސްދޫގައި ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް--- ފޮޓޯ: ހައުސިންގ މިނިސްޓްރީ
ރަސްދޫގައި ހައުސިންގ ޔުނިޓުތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު 2023 ގަ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 9 މަސް ދުވަހުގެ މުއްދަތުގައި ނިންމުމަށެވެ. މިމަޝްރޫއަކީ 84.2 މިލިއަން ރުފިޔާ ޚަރަކުރާ މަޝްރޫއެކެވެ.
މިދިޔަ ސަރުކާރުން ހަވާލު ކުރި މި މަޝްރޫގެ ހައުސިންގ ޔުނިޓުތައް އަޅާ ސަރަހައްދަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އެ ހައުސިންގ ޔުނިޓުތައް މިހާރު އަޅަނީ އެއް ސަރަހައްދެއްގަ އެވެ. ރަސްދޫގައި އަޅަނީ 1،000 އަކަފޫޓުގެ ހައުސިންގ ޔުނިޓެވެ. ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި، 3 ފާހާނާ އަދި ސިޓީން ރޫމް، ބަދިގެ އާއި ލޯންޑަރީ އަދި ސްޓޯރޫމް ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ