ލީވާން އާއި ޝަހުޒާނަށް ޖަލުގައި ލިބެންޖެހޭ ހައްގުތަކެއް ނުލިބޭ: ވަކީލް

ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކޮށްގެން ޖަލަށް ލާފައިވާ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އާއި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އައިޝާ ޑޮކިއުމެންޓަރީއާ ގުޅޭ ވާހަކަ ދެއްކުން ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރު ލިޔުނު ލީވާން އަލީ ނަސީރަށް ޖަލުގައި ލިބެންޖެހޭ ހައްގުތަކުން މަހުރޫމްކޮށްފައިވާ ކަމަށް އެ މީހުންގެ ގާނޫނީ ވަކީލު ބުނެފި އެވެ. 
މި ކަންބޮޑުވުންތައް، މި ދެ ނޫސްވެރިންގެ ވަކީލް އަބްދުﷲ ޝާއިރު އާއި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދު އިއްޔެ ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިއްޔެ ޒިޔާރަތްކޮށް ހުށަހަޅައިފަ އެވެ. 
ޝާއިރު ވިދާޅުވީ ޝަހުޒާން އާއި ލީވާނަށް ޖަލުގައި ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދަނީ ހިންގަމުންނެވެ.
ދެ ނޫސްވެރިންނަށް ހުކުމްކޮށް މި މަހުގެ 12 ވަނަ ދުވަހު މާފުށީ ޖަލަށްލި ފަހުން ވިދިވިދިގެން ހަތަރު ދުވަސް ވަންދެން އެ މީހުން ތިބެން ޖެހުނީ އެއް އަންނައުނެއްގައި ކަމަށް ޝާއިރު ފާހަގަ ކުރެއްވި އެވެ. 
މިއީ އިންސާނީ ކަރާމަތާ ގުޅިފައިވާ ކަމެއް ކަމަށާއި، ބަދަލުކުރާނެ ހެދުމެއް ނެތި އެތައް ދުވަހަކު ބޭތިއްބުމަކީ އަނިޔާ ގޮތުގައި ބެލެވޭނެ އަމަލެއް ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.
"އެއް އަންނައުނެއްގައި ހަތަރު ދުވަހު އޮތުމަކީ ޓޯޗާ،" އޭނާ ވިދާޅުވި އެވެ. 
ގައިދީންނަށް ލިބިދޭ ހައްގެއް ކަމުގައިވާ ވިޔަފާރިކުރުމުގެ ފުރުސަތު ވެސް އެ ދެ ނޫސްވެރިންނަށް ހަނިކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
ހުކުމް ކުރި ދުވަހުގެ އަނެއް ދުވަހު، އެ މީހުންގެ އެކައުންޓަށް ދެހާސް ރުފިޔާ ޖަމާކޮށްފައިވީ ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ޒަރޫރީ ތަކެތި ގަތުމުގެ ފުރުސަތު ލީވާން އާއި ޝަހުޒާނަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވި ގޮތުގައި ލީވާނަކީ ހަމުގެ ބައްޔަކަށް ހާއްސަ ލޯޝަނެއް ބޭނުންކުރަންޖެހޭ މީހަކަށް ވީ ނަމަވެސް، އެ ތަކެތި ހޯދުމަށް ވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ކަރެކްޝަނަލް ސާވިސްއިން ވިޔަފާރިކުރުމަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، ގާނޫނުން ލިބިދޭ އަސާސީ ހައްގުތަކެއް އެފަދަ އުސޫލެއްގެ ދަށުން ނުހިފެހެއްޓޭނެ ކަމަށް ޝާއިރު ވިދާޅުވި އެވެ.
ހާއްސަކޮށް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ސިނގިރޭޓު ގަތުމުގެ ފުރުސަތު ނުދިނުމަކީ ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި، އެއީ ސިއްހީ ގޮތުން ގެއްލުން ހުރި ކަމެއް ކަމަށް ވިޔަސް އެ ހައްގު ހިފެހެއްޓުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައަކީ ހަމައެކަނި ލީވާން އާއި ޝަހުޒާނަށް ދިމާވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ ޖަލުގައި ތިބޭ ހުރިހާ ގައިދީންގެ ހައްގުގައި ދައްކަންޖެހޭ ވާހަކައެއް ކަމަށް ޝާއިރު ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ އުސޫލުތަކާއި ރާއްޖޭގެ އެންޓި ޓޯޗާ ގާނޫނު އޮތީ މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކަން ފާހަގަކުރައްވައި، ޝާއިރު ވިދާޅުވީ ގައިދީންނަށް ހައްގުތަކެއް ލިބެން ނުޖެހޭ ކަމަށް ބައެއް މީހުން ބުނި ނަމަވެސް، މިކަމުގެ ހިތްދަތިކަން އެނގެނީ އާއިލާގެ މީހަކަށް މިފަދަ ހާލަތެއް މެދުވެރިވުމުން ކަމަށެވެ. އެހެންވެ، ޖަލުތަކުގައި ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެންމެން އަޑުއުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ