މެމްބަރު މީކާއިލްގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއިގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްފިއެވެ.
މަޖިލީހުގައި ހޯމް މިނިސްޓަރ އަލީ އިހުސާން އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވަމުންދަނިކޮށް މީކާއިލް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. މީކާއިލް ވިދާޅުވީ އިހުސާން ޖަވާބުދާރީ ވަމުން ގެންދަވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ކަމަށާއި، އެހެންކަމުން އެ މައްސަލައިގައި އޮތް ވާހަކައެއް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ނިޒާމީ ނުކުތާއެއް ނެންގެވޭނީ މިނިސްޓަރ އިހުސާން ފުރަތަމަ ނިޒާމީ ނުކުތާއަށް ޖަވާބު އެރުވުމުން ކަމަށެވެ. އެހެން ނަމަވެސް މެމްބަރު ވަނީ މަޖިލީހުގައި އަޑުދަގަކޮށް، މައިކްގެ އަޑު ކަނޑާލުމުންވެސް މަޖިލީހުގެ ނިޒާމު ނަގާލަން މަސައްކަތް ކޮށްފައެވެ.
އަބްދުއްރަހީމް ވަނީ މީކާއިލްގެ އަރިހުން ތަކުރާރުކޮށް މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިވަޑައިގެންފައެވެ.
”އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ، އިއްޒަތްތެރި މެމްބަރު ދެންމެ ނެންގެވި ނިޒާމީ ނުކުތާއަށް ޖަވާބު ދެން ދެކެ މަޑު ކުރައްވާށޭ، މަޑު ނުކުރެއްވޭ ކަމަށް ވާނަމަ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތަވާށޭ. އަޅުގަނޑު ތަކުރާރުކޮށް ތިން ފަހަރަށް ނަސޭހަތް ދީފިން. އަޅުގަނޑު މިހާރު މި އިއްވަނީ ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު މީކާއިލް އަހްމަދު ނަސީމްގެ ނަން. މަޖިލިސް ދޫކުރައްވާ ނިކުމެ ވަޑައިގެންދެއްވުން އެދެން“
މީގެއިތުރަށް އަބްދުއްރަހީމް ވިދާޅުވީ މަޖިލިހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް މީކާއިލްގެ އަރިހުން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އަބްދުއްރަހީމް ވިދާޅުވީ މެމްބަރު ނަން އިއްވާފައި ވަނީ 3 ފަހަރަށް ނަސޭހަތް ދީފައި ކަމަށެވެ. އަދި މެމްބަރުގެ ނަން އިއްވާފައިވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށާއި އަދި މަޖިލީހުގެ ތަޅުމުން މީކާއިލް ނެރުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު މަޖިލީހުން ނިކުތުމަށް މެމްބަރު ދެކޮޅުހަދާ މަންޒަރު ތަޅުމުން ފެނެއެވެ. އަދި މަޖިލީހުގެ ސެކިއުރިޓީން ވަނީ މެމްބަރު ގަދަކަމުން ތަޅުމުން ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ