ކައުންސިލްތަކަށް އެހީވާ އޮފީހެއް އެމްޑީޕީން އުފައްދައިފި، ޑިރެކްޓާ ޖެނެރަލަށް އަމީރު
ލޯކަލް ކައުންސިލުތަކަށް އެކި އެހީތައް ފޯރުކޮށްދޭ އޮފީހެއް އެމްޑީޕީން އުފައްދައި، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހަމަޖައްސައިފިއެވެ. އެމްޑީޕީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ކައުންސިލްތަކަށް ފަންނީއާއި މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި އޮފީހެއް އުފައްދާފައިވާ ކަމަށެވެ. "އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ)ގެ ނަމުގައި އުފެއްދި މި އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ އަމީރެވެ. ކައުންސިލްތަކަށް އެހީވާން އޮފީހެއް އުފައްދާފައި ވަނީ، އަތޮޅު ކައުންސިލްތަކާއި ލޯކަލް ގަނަނަންސް މިނިސްޓްރީން އުވާލައި، އިދާރީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ހަނިވާ ކަމަށް ބުނެ ސަރުކާރަށް އޮތީ ފާޑުކިޔުންތައް އަމާޒުވެފައެވެ. https://sun.mv/220710 އޭގެފަހުން، މިހާރު ކައުންސިލްތަކުގެ ކަންކަން ބަލަހައްޓާ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނީ، މިނިސްޓްރީއާއި އަތޮޅު ކައުންސިލުތައް އުވާލި ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އަމީރަކީ މި ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޚާއްސަކޮށް، އިގުތިޞާދީ ދާއިރާގެ ކަންކަމުގައި ވަރަށް ބޮޑަށް އެ ކަން ކުރައްވައެވެ. އަމީރަކީ ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވައި, ހޮއްވެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މި ފަހުން ވަނީ, އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ "ބޮޑު ބަދަލު" އޮފީސް އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒް ޙަސަން ލަތީފު ވެސް އައްޔަން ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ