ކޭރޯޒްގެ މަލާމާތެއް: ގާނާއާ ޖެހުނު ހިސާބުން ވީއޭއާރް ދިޔައީ ކޮފީއަކަށް

ވޯލްޑް ކަޕްގައި އިންގްލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގާނާއަށް ޕެނަލްޓީއަކާއި ރަތް ކާޑެއް ނުލިބި ސަލާމަތްވުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ވަނީ ކޮފީއަކަށް ގޮސް ކަމަށް ބުނެ ގާނާގެ ކޯޗު ކާލޮސް ކުއިރޯޒް މަލާމާތްކޮށްފި އެވެ.
މެޗުގައި ގާނާ އިން ވަނީ ވަރުގަދަ ޑިފެންސްކޮށް، ތޯމަސް ޓުހުލްގެ އިންގްލޭންޑް ހުއްޓުވާފަ އެވެ.
ކުއިރޯޒް އިޝާރާތް ކުރީ މެޗުގެ ފަހުކޮޅު އިންގްލޭންޑްގެ އެޒްރީ ކޮންސާ، ގާނާގެ ޕްރިންސް އަދޫއަށް ކުރި ފައުލަށް ޕެނަލްޓީއެއް ހޯދަން ގާނާއިން އެޕީލް ކުރުމުން ރެފްރީ އެ އަޑެއް ނޭހި މައްސަލައަށެވެ.
މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ފީފާގެ އޮފިޝަލަކަށް ބަލަން ހުރެ ކުއިރޯޒް ބުނީ، ވޯލްޑް ކަޕްގައި އަދިވެސް ވީއޭއާރް ބޭނުންކުރޭތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އިންގްލޭންޑާ ދެކޮޅަށް ގާނާއަށް ސާފު ޕެނަލްޓީއެއް ދޭންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"ވޯލްޑް ކަޕްގައި އަދިވެސް ވީއޭއާރް މަސައްކަތްކުރޭތޯ އަހަންނަކަށް ޔަޤީނެއް ނޫން. އަދިވެސް އަހަރެމެންގެ ވީއޭއާރް އެބައޮތްތަ؟ އެ މަސައްކަތްކުރޭތަ؟ އެކަމާ މެދު އަހަރެންގެ ހިތުގައި ޝައްކުތަކެއް އެބަހުރި. ސަބަބަކީ އިންގްލޭންޑާ ދެކޮޅަށް ގާނާއަށް ދޭންޖެހޭ ސާފު ޕެނަލްޓީއެއް ދޫކޮށްލާފައިވާތީ،" ކުއިރޯޒް ބުންޏެވެ.
"އަހަރެމެންނަށް ފުރުޞަތުތައް ލިބުނު. އެމީހުން (އިންގްލޭންޑް) ސަލާމަތްވީ ހަމަ ކިރިޔާ. އެމީހުން ވަރަށް ނަސީބުގަދަ. މިފަހަރު ވެސް ވީއޭއާރް އެދިޔައީ ކޮފީއަކަށް. އެއީ އާދައިގެ ކަމެއް، އަހަރެން ވެސް ދޭތެރެއަކުން ކޮފީއެއް ބޯލަން ބޭނުންވޭ. އެކަމަކު އެއީ ސާފު ޕެނަލްޓީއެއް. އަދި ރަތް ކާޑެއް ދައްކަންޖެހޭނެ ކަމެއް."
ފޮކްސްބޮރޯގައި ކުޅުނު މި މެޗުގެ ހޮންޑިއުރަސްގެ ރެފްރީ ސައީދު މާޓިނޭޒްއަށް ވީއޭއާރް ރޫމުން އެހީތެރިވީ އެމެރިކާގެ އޮފިޝަލް އަރމަންޑޯ ވިލަރިއަލް އެވެ.
ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި އިންގްލެންޑުން 19 ހަމަލާ އުފެއްދި އެވެ. 
މީގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަދޫއަށް، އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑާ ވީ ކުރިމަތިލުމެއްގައި އަނިޔާވި ނަމަވެސް، ރެފްރީ ނިންމީ ކީޕަރަށް ފައުލްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ