މިއީ މި ވޯލްޑް ކަޕްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހުނަރު ފެނިގެންދާނެ ކަމަށް އުންމީދު ކުރެވުނު ދުވަހެވެ. ނަމަވެސް ކަންތައްތައް ދިޔައީ އެގޮތަކަށް ނޫނެވެ.
ވޯލްޑް ކަޕް 2026 ގައި ސުޕަސްޓާރުން މީގެ ކުރިން ކުޅުނު މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއި، ރޭ ކުޅުނު މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ދެއްކި ދަށް ކުޅުމާއެކު ވަނީ އޭނާއަށް ކުރިއަށްވުރެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ނޯވޭއިން އިރާގު ބަލިކުރި މެޗުގައި އާލިން ހާލަންޑް ދެ ގޯލު ޖެހި އިރު، ފްރާންސުން ސެނެގާލް ބަލިކުރި މެޗުގައި ކިލިއަން އެމްބާޕޭ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އެންމެ ހަނދާނުގައި ހުންނާނީ އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ލިއޮނަލް މެސީ ހެދި ހެޓްރިކެވެ.
އެހެންނަމަވެސް ރޮނާލްޑޯއަށް އެ ފެންވަރުގެ ކުޅުމެއް ނުދެއްކުނެވެ. އޭނާއަށް ކުރިމަތިލާން ޖެހުނީ ވަރަށް ވަރުގަދައަށް ދިފާއުކުރި ކޮންގޯއާއެވެ. ޖޮއާ ނޭވެސްގެ ގޯލުން ޕޯޗުގަލް ކުރި ހޯދާފައިވަނިކޮށް، ފުރަތަމަ ހާފުގެ ފަހުކޮޅު ޔޯން ވިސާ ޖެހި ގޯލުން ކޮންގޯއިން ވަނީ ވޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ ޕޮއިންޓް ހޯދައިފައެވެ.
މި ވޯލްޑް ކަޕްގެ ހަވަނަ ދުވަހު ގިނަ ތަރިންތަކެއް ގޯލު ޖެހި ނަމަވެސް، ހަތްވަނަ ދުވަހު ރޮނާލްޑޯއަށް އެކަން ނުކުރެވުނެވެ. ރޮނާލްޑޯގެ ފަހުގެ ވޯލްޑް ކަޕް ތަޖުރިބާތަކަށް ބަލާއިރު، މިކަމަކީ އެހާ ބޮޑު ހައިރާންކަމެއް ގެނުވި ކަމެއް ނޫނެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ކޮލިފައިން މެޗުތަކުގައާއި ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ގިނަ ގޯލުތަކެއް ޖަހާފައިވެއެވެ. ނަމަވެސް ބޮޑެތި މުބާރާތްތަކުގައި އޭނާގެ ފަރާތުން ފެންނަނީ ހީނަރު ކަމެކެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2024 ވަނަ އަހަރުގެ ޔޫރޯ އަދި މި މުބާރާތުގެ ފުރަތަމަ މެޗު ހިމެނޭ ގޮތަށް 11 މެޗުން އޭނާއަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ.
މިއާ ހިލާފަށް، 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ގޯލު ޖެހި ފަހުން، އޭނާގެ ވާދަވެރިޔާ މެސީ ވަނީ ވޯލްޑް ކަޕްގައި ނުވަ ގޯލު ޖަހައިފައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯގެ ހަރަކާތްތައް ވަރަށް މަދެވެ. އޭނާ މަސައްކަތްކުރީ ޓީމުގެ ޒުވާން އަދި ހަލުވި ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭށެވެ. އޭނާ ގަސްތުގައި އޮފްސައިޑްގައި ހުރެގެން، ކޮންގޯގެ ޑިފެންސަށް ބާރުބޮޑުކުރަން މަސައްކަތް ކުރިއެވެ.
ފްރަންސިސްކޯ ކޮންސެސާއޯ ދިން ބައެއް ބޯޅަތަކުގައި ރޮނާލްޑޯ ގޯލަށް ހަމަލާތައް ފޮނުވި ނަމަވެސް، އޭގެން އެއްވެސް ނުރައްކަލެއް ކޮންގޯގެ ކީޕަރަށް ކުރިމަތިނުވިއެވެ. އެމެރިކާގެ ހިއުސްޓަންގެ އެންއާރުޖީ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ އޭނާއަށް ވަރަށް މާޔޫސްކުރުވަނިވި މެޗެކެވެ.
ޕޯޗުގަލްގައި ރޮނާލްޑޯއަށް ފާޑުކިޔުންތައް އަމާޒުވަނީ ގިނައިން ކޯޗު ރޮބާޓޯ މާޓިނޭޒް އޭނާ ބޭނުންކުރާ ގޮތާމެދުއެވެ. އުމުރުގެ ގޮތުން ބަލާއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުން މާ ރަނގަޅުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް މި މެޗުގައިވެސް ފުރިހަމަ 90 މިނެޓު އޭނާ ކުޅުނެވެ.
ތާރީހީ ގޮތުން ބަލާއިރު، މިއީ 2022 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަތުން އާޖެންޓީނާ ބަލިވި ފަދަ ބޮޑު ސިހުމަކަށް ނުވެދާނެއެވެ. ނަމަވެސް މި މުބާރާތުގެ ފެންވަރަށް ބަލާއިރު، ކޮންގޯއިން ހޯދި މި ނަތީޖާއަކީ އެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ރޮނާލްޑޯގެ ފަނޑުވުން، ހައިރާންވާ ވަރުގެ ކަމެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ