ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިނާޔަތްތައް ޖަމާކުރުން ލަސްވާތީ އިދާރާތައް ޖަވާބުދާރީކުރުވަން އެދިއްޖެ

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދޭ އިނާޔަތް ޖަމާކޮށްދިނުން ލަސްވާތީ އިދާރާތައް ޖަވާބުދާރީކުރުވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ފާހަގަކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީގެ 45 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން، ކޮންމެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ދައުލަތުން މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފަހަކަށް އައިސް އެންސްޕާ މެދުވެރިކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީހަށް ބަރާބަރަށް ޖަމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އިނާޔަތަކީ ހާއްސަ އެހީއަށް ބޭނުންވާ ގިނަ ފަރާތްތަކެއްގެ ބޭސްފަރުވާއަށާއި، ފަރުދީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތްކަމަށް ވުމުން، ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތައް ދަނީ ބޮޑެތި މާލީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލަމުން ކަމަށް އޭނާގެ ސިޓީގައި ވިދާޅުވިއެވެ.
އެހެންކަމުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައި، އެންސްޕާއާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި ކޮންމެ މަހަކު ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ދާއިމީ ނިޒާމެއް ސަރުކާރުން ކަށަވަރުކުރުމަށް މަޖިލީހުގެ ފަރާތުން ބާރުއެޅުއްވުމަށް ވެސް އެދިވަޑައިގަތެވެ.
މި ހަފްތާގެ ތެރޭގައި ކުޑޫ ވަނީ ޖަލުތަކުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކުރައްވައި، އެކަންކަމާ ގުޅިގެން ކަރެކްޝަންސްގެ ވެރިން ޖަވާބުދާރީކުރުވަން ވެސް ސިޓީއެއް ފޮނުއްވައިފައެވެ. އަދި ރަށްރަށުގެ މަޝްރޫއުތައް ލަސްވާތީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމަށާއި، ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ސަރުކާރު ކުންފުނިތަކުން ވަކިކުރާ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާ ސުވާލުކުރެއްވުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ