ނޭމާ އަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ނުކުޅެވިދާނެ

ނިއު ޔޯކް ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުރި ބްރެޒިލްގެ ތަރި، ނޭމާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 
ނޭމާ އަށް ތިން އަހަރަށް ފަހު ބްރެޒިލް ސްކޮޑުން ޖާގަ ލިބުނީ މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ނެގި ސްކޮޑުންނެވެ.
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ފަށަން ދެ ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ނޭމާގެ ފަޔަށް އަނިޔާވެ އޭނާ ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. . ނޭމާ އަށް ބްރެޒިލްގެ މެޗުތައް މިދިޔަ އަހަރުތަކުގައި ގެއްލުނީ ވެސް އަނިޔާއާ ހެދި ފޯމަށް އަސަރުކޮށްގެންނެވެ. އަދި، މި ފަހަރުގެ ވޯލްޑް ކަޕްގެ ސްކޮޑުގައި ނޭމާ ހިމެނި ފަހުން އޭނާ އަށް އަނިޔާވުމާ އެކު، ބްރެޒިލްގެ މީޑިއާ އިން ވެސް އަންނަނީ އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފައްދަމުންނެވެ. 
ވޯލްޑް ކަޕްގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރުވިއިރު، ކުރިން ބެލެވިފައި އޮތީ ނޭމާ އަށް ގެއްލޭނީ އެ މެޗު އެކަނި ކަމަށެވެ. އެކަމަކު، ބްރެޒިލުން އެންމެ ފަހުން ކުރިއަށްގެންދިޔަ ޓްރެއިނިންތަކުގައި ވެސް ޓީމާ އެކު، ފަރިތަކުރުމުގެ ބަދަލުގައި، ނޭމާގެ ޓްރެއިނިން ދިޔައީ ވަކިންނެވެ. އަދި، ބޯޅައާ އެކު ނޭމާގެ ޓްރެއިނިންތައް މަދުން ކުރިއަށްގެންގޮސްފައިވާއިރު، އޭނާ އަށް ޓީމު ޓްރެއިނިން އަށް އާދެވޭނެ އިރެއް މެޑިކަލް ޓީމުން އަދި ކަށަވަރުކޮށްދީފައިނުވެ އެވެ. 
ބްރެޒިލުން ދެ ވަނަ މެޗުގައި ކުޅެން ޖެހެނީ ހައިޓީއާ ދެކޮޅަށެވެ. އެ މެޗު އޮތީ ހޮނިހިރު ދުަވަހު އެެވެ. އެ މެޗަށް ނޭމާ ފިޓްވުމުގެ ފުރުސަތު ކުޑައިރު، ބްރެޒިލް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، މި މަހު 24 ވަނަ ދުވަހު ބްރެޒިލުން ސްކޮޓްލެންޑާ ބައްދަލުކުރާ މެޗަށް ވެސް ނޭމާ ފިޓްވުމަށް އޮތީ ހަނި ފުރުސަތެކެވެ. 
ނޭމާގެ އަނިޔާގެ ވާހަކަތަކާއި ފިޓްނަސްއާ ގުޅޭގޮތުން އަދި، ކުޅުމަށް އެނބުރި އަންނާނެ ކަމަށް ބެލެވޭ ތާރީހަކާ ބެހޭގޮތުން އަމާޒުވާ ސުވާލުތަކަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ، ސީދާ ޖަވާބެއް ދޭން އަންނަނީ ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ