ރޮޑްރީގޯ ހޯދުމަށް ލިވަޕޫލުން ބޮޑު އަގެއް ހުށަހަޅައިފި

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބުރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ ހޯދުމަށް ޕްރެމިއާ ލީގުގެ ލިވަޕޫލުން ބޮޑު އަގެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ލިވަޕޫލުން ރެއާލް މެޑްރިޑަށް އެންމެ ފުރަތަަމަ ހުށަހެޅީ 60 މިލިއަން ޔޫރޯގެ އަގެކެވެ. ނަމަވެސް ރެއާލް މެޑްރިޑުން ލިވަޕޫލުގެ ފުރަތަމަ ހުށަހެޅުމަށް ނޫނެކޭ ބުނުމުން ލިވަޕޫލުން މިހާރު ވަނީ އެއަގު 80 މިލިއަން ޔޫރޯއަށް ބޮޑު ކުރުމަށް ނިންމާފައެވެ.
ލިވަޕޫލުން ރޮޑްރީގޯ ހޯދަން މަސައްކަތް ކުރާ މައިގަނޑު އެއް ސަބަބަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިއާ މުހައްމަދު ސަލާހް މިސީޒަނަށްފަހު ޓީމު ދޫކޮށްލާނެ ކަމަށް ބެލެވޭތީ އެވެ. އޭނާ ހޯދުމަށް ސައުދީ ކުލަބުތަކުން މަސައްކަތް ކުރަމުންއަންނައިރު، އުމުރުން 31 އަހަރުގެ ފޯވާޑް އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.
މީގެ އިތުރުން މި ސީޒަނަށް ފަހު ރެއާލް މެޑްރިޑަށް ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބަދަލުވާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، ބުރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ޖޫންމަހު އެޓީމާއި ގުޅުމުން މިހާރު ރެއާލްގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަމުން އަންނަ ރޮޑްރީގޯއަށް ފުރަތަަމަ އެގާރައިން ޖާގައެއް ހޯދުމަށް އުނދަގޫވާނެ އެވެ. އަދި ލިވަޕޫލުން ގަބޫލުކުރާގޮތުގައި ސަލާހުގެ ބަދަލުގައި ލިވިޕޫލުގެ ކުރިއަށް މިވަގުތު އެންމެ ރަނގަޅު ޗޮއިސްއަކީ ރޮޑްރީގޯ އެވެ.
ނަމަވެސް ރެއާލުން ރޮޑްރީގޯ ވިއްކާލުމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ. ސަބަބަކީ އެމްބާޕޭ މީގެ ކުރީ ދެ ފަހަރަކު ވެސް އަންނަން އެއްބަސްވުމަށްފަހު ފަހު ވަގުތު އޭނާ ވަނީ އެނިންމުން ބަދަލުކޮށްފައެވެ. މިސަބަބާހުރެ އޭނާގެ ސޮއި ޔަގީންވުމުގެ ކުރިން ޓީމުގެ މުހިންމު ކުޅުންތެރިއަކު ދޫކޮށްލަން ރެއާލް މެޑްރިޑުން ބޭނުންނުވަނީ އެވެ.
2019 ވަނަ އަހަރު ބުރެޒިލްގެ ސަންތޯސް އިން 45 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި ރެއާލް މެޑްރިޑާއި ގުޅުނު އުމުރުން 23 އަހަރުގެ ފޯވާޑް ވަނީ މިހާތަަނަށް ރެއާލް މެޑްރިޑަށް ކުޅެދިން 206 މެޗުގައި އެޓީމަށް 50 ލަނޑު ކާމިޔާބުކޮށްދިނީފައެވެ. 
މީގެ އިތުރުން ރޮޑްރީގޯ ވަނީ ރެއާލް މެޑްރިޑާއި އެކު ލަލީގާ ދެފަހަރު، ސްޕެނިޝް ކަޕް ދެފަހަރު، ކޮޕާ ޑެލްރޭ، ޔުއެފާ ޗެމްޕިއަންސްލީގު، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ކުލަބު ވޯލްޑްކަޕްގެ ޗެންޕިއަންކަން ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ