ދަމުނަމާދުގައި ވަކިސޫރަތެއް ނުވަތަ ވަކި އާޔަތްތަކެއް ކިޔަވާކަށް ނެތް! އޮތީ އެނގޭ، ފަސޭހަ މިންވަރަކަށް ކިޔަވަން!

ރަމަޟާން މަހު ދަމުނަމާދުކުރީ ޖަމާޢަތުގައެވެ. ރަމަޟާން މަސް ނިމުމުން ގިނަ ބައަކު ވަނީ ދަމުނަމާދުކުރުން ހުއްޓާލައިފައެވެ. ބައެއް މީހުން ހުއްޓާލަނީ ދަމުނަމާދުގައި ކިޔަވަންޖެހޭ ސޫރަތްތައް ހިތުން ކިޔަވަން ނުއެނގޭތީ އެކަމުގެ ކަންބޮޑުވުމުގައެވެ.
ސުވާލަކީ ދަމުނަމާދުގައި ވަކިސޫރަތެއް ނުވަތަ ވަކި އާޔަތްތަކެއް ކިޔަވަން ޖެހޭހެއްޔެވެ؟  
ޖަވާބު:   
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  
"ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން اللَّه އަށް ދަރަނިދޭށެވެ! (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." (އަލް މުޒަންމިލް: 20) 
މިއާޔަތުގައި އެވަނީ "ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!" ވީމާ އެމީހަކަށް އެނގޭ މިންވަރަކުން ކިޔަވާށެވެ. ވަކި ސޫރަތެއް ނުވަތަ ވަކި އާޔަތްތަކެއް ނުވަތަ ވަކިމިންވަރަކަށް ކިޔެވުން ލާޒިމެއް ނޫނެވެ. އެމީހަކަށް ބުރައަކަށްނުވާ މިންވަރަށް، އެމީހަކަށް އެނގޭ މިންވަރަށް، އެމީހަކަށް އެނގޭ ސޫރަތްތަކެއް ކިޔެވުމުން ފުދޭނެއެވެ.  
ވީމާ ޤުރްއާނުން އެނގޭ މިންވަރު މަދުވެގެން ދަމުނަމާދުނުކޮށް ނުތިބޭށެވެ! ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ބޭނުންނަމަ ޚަތިމް ބަލައިގެންވެސް ކިޔެވިދާނެއެވެ. ލުއިކޮށް އުފުލަން ބޭނުންނަމަ ފޮތްފޮށިން ބޭނުން ފޮތެއް ބަލަހައްޓައިގެންހުރެވެސް ކިޔެވިދާނެއެވެ. ފޯނު ބަލައިގެންވެސް ކިޔެވިދާނެއެވެ. ތިމާއަށް އެނގޭ ކުރު ސޫރަތްތައް ކިޔައިގެންވެސް ދަމުނަމާދު ކުރެވިދާނެއެވެ. މުހިންމީ ދަމުނަމާދުކުރުމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން   
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ