އެމްއާރުއެމް އުވާލާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށްކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ކޯޓުން ކުރި ހުކުމުގައި ބުނީ، އެމްއާރްއެމަށް ތިން މަސް ދުވަހުގެ ނޯޓިސް މުއްދަތެއް ދިނީ، އެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ.
އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަކުރަން އަންގައި ފެބުރުއަރީ މަހު ފޮނުވި ނޯޓިސްގައި މެންބަރުންގެ އަދަދު ކަމަށް ކޮމިޝަނުން އަންގާފައިވަނީ 2981 އެކެވެ. އެ ޕާޓީން މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން ދިޔައީ އެ އަދަދަށް ބަލައިގެންނެވެ. އަދި އެ ނޯޓިސް އިން ޕްރޮސެސް ނުކުރާ ފޯމްތަކެއް ހުރިކަން ވެސް އެނގެން ނެތް އިރު، ނޯޓިސްގެ މުއްދަތުގައި ޕާޓީން މެންބަރުން އުނި އިތުރުކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.
އަދި ބައެއް ފޯމްތައް ޕްރޮސެސް ކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެ ހުރިހާ ކަމެއް އެހެން ހުއްޓައި، އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ހުރިހާ ކަމެއް ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި އެމްއާރްއެމް އިން ޚަރަދުކުރި 50،000 ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް އީސީގެ މައްޗަށް އެ ޙުކުމުގައި އަމުރުކޮށްފައިވެއެވެ.
އެމްއާރްއެމް އަށް 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އީސިން އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ