ކަރަންޓު ދޫކުރަންވީ ހަމައެކަނި ޕާޓީ ގެތަކަށް ކަމަށް ބުނެ ދެއްކި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ހއ.ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި ރަޝީދު ދެއްކެވި ވާހަކަތައް ޕީއެންސީން ކުށްވެރި ކޮށްފިއެވެ.
ޕީއެންސީގެ ރަސްމީ އެކްސް ހޭންޑްލް އިން ކުރި ޕޯސްޓެއްގައި ބުނީ، ރޭ ބޭއްވި ޖަލްސާގައި ”ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް“ ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
”އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްނޫން.“ ޕީއެންސީ އިން ބުނެފައިވެއެވެ.
ރަޝީދު ދެއްކި ވާހަކަތަކަކީ ޕީއެންސީގެ ވެސް ސިޔާސަތެއް ނޫން ކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ވެސް ވަނީ ބުނެފައެވެ.
ރޭ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަޤާމުގައި ހުންނެވި  ޢަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރިކުރަން. އޭނާ ދެއްކި ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.…
— PNC Secretariat (@pnc_secretariat) April 15, 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވާއިރު، އިންތިހާބާ ދިމާކޮށް، ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކުރަމުންދިޔަ ނަމަވެސް، ސަރުކާރުން އެ ތުހުމަތުތައް ދޮގުކުރެއެވެ. ޕީއެންސީ/ޕީޕީއެމުން ބުނީ، ރައްޔިތުންގެ ލޯތްބާއި އިތުބާރު، އެ ދެ ޕާޓީން ވެސް ހޯދާނީ ތަރައްގީގެ މަޝްރޫއުތައް ހިންގައިގެން ކަމަށާއި، އެއީ ވަޒީފާގެ ބިރު ދައްކައިގެން ކުރާނެ ކަމެއް ނޫން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ