ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ހޯރަފުށީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ އެރަށުގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށް، ޢަމަލީ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އާއި އެމްޓީސީސީގެ ސީއީއޯ ޢަބްދުالله ޒިޔާދުއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރެވޭ މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމު ހެދުމާ މަގުބައްތި ޖަހާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުން ހިމެނެއެވެ.
މި މަޝްރޫޢަށް 32.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.
ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ