ސޮވްރިން ޑިވްލޮޕްމަންޓް ފަންޑު ދެ މިލިއަނުން 65 މިލިއަނަށް ބޮޑުކޮށްފި

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާ ނަމަވެސް މިދިޔަ އަށް މަސް ދުވަސްތެރޭ އެ ފަންޑު 65 މިލިއަން ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.
ބޮޑު ކަމެއް ޖެހޭ ވަގުތު ގައުމުގެ އިގްތިސޯދުގައި ބޭނުން ކުރުމާއި ލޯނު ދެއްކުމުގެ ކެޕޭސިޓީ މަތި ކުރަން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ ޖަމާ 65 މިލިއަން ޑޮލަރަށް މައްޗަށް ޖައްސައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާ ގައި ރައީސް ވަނީ އިގްތިސާދީ ގޮތުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކާއި މިނިވަން ކަން ދިފާއު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.ހާއްސަކޮށް ބޭރުގެ ދަރަނި ދެއްކުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދަރަނި ދެއްކޭނެ ކަން ކަށަވަރު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވިދާޅުވި އެވެ. އެންމެ މުހިންމު އެއް ކަމަށް ފާހަގަ ކުރެއްވީ ބޮޑު ކަމެއް ޖެހޭ ވަގުތު ގައުމުގެ އިގްތިސޯދުގައި ބޭނުން ކުރުމާއި ލޯނު ދެއްކުމުގެ ކެޕޭސިޓީ މަތި ކުރަން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑްގެ ޖަމާ އިތުރު ކުރެއްވުމަށް ކުރައްވާ މަސައްކަތެވެ.ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިދިޔަ އަށް މަސް ދުވަސްތެރޭ އެ ފަންޑު 65 މިލިއަން ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރީން 100 މިލިއަން ޑޮލަރަށް ގެންދިއުން ކަމަށް ކުރީން ރައީސް ވަނީ ވިދާޅުވެފަ އެވެ.އެސްޑީއެފް ފަންޑު ރައީސް އިބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފަންޑުގެ މަގުސަދަކީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނަގާތީ ރާއްޖޭގެ އިގްތިސޯދާމެދު ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ވަރުގަދަ ކޮށް ބޮޑެތި ލޯނުތައް ދައްކަންވާއިރަށް ލޯނު ދެއްކުމުގެ ގާބިލްކަން އުފެއްދުމެވެ. ފަންޑަށް ފައިސާ ޖަމާކުރަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ވީއައިއޭއިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ފަންޑަށް ފައިސާ ޖަމާ ނުކޮށް އަދި އެ ފަންޑުގައި ހުރި ޑޮލަރު މާރު ކުރި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު މިދިޔަ ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާ އެވެ. އެ ފަންޑަށް ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ ބިލިއަނެއްހާ ޑޮލަރު މިހާރު މި ފަންޑުގައި ހުންނާނެ އެވެ.ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެސްޑީއެފް ބެލެންސުގައި ޑޮލަރުން ހުރީ ދެ މިލިއަން ޑޮލަރު ކަމަށާ ރުފިޔާއިން ހުރީ 2.4 މިލިއަން ރުފިޔާ އެވެ. މި ފަންޑު ކުޑަކަމުގެ ކަންބޮޑުވުން އެންމެފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައި ވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ