މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ރައްކާތެރި، އިތުބާރު ހުރި، އަދި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަން ދެއްވާ ކަމެއްކަމުގައި ވިދާޅުވެފައިވެ އެވެ. އަދި، މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިގައި މައްސަލަޖެހުމުގެ ސަބަބުން ފެން ދަތިވާ ހާލަތްތަކުގައި އެމައްސަލައަށް ހައްލު ހޯދުމުގައި އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހޭ ބުރައަކީ ވަރަށްބޮޑު ބުރައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފެން ރައްކާތެރިކުރުމަށް މިހާރު އެކުލަވާލާފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާއި، ފެން ފަށަލަ ރައްކާތެރިކުރުމާއި، ވާރޭފެން ރައްކާކުރުމަށް ކޮމިއުނިޓީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ވިލުންވެރި ނިޒާމުގެ މައްޗަށް މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާފައިވެ އެވެ. އެގޮތުން، އެފަދަ ދާއިރާތަކުން ފަންނީ ގާބިލިއްޔަތު އިތުރުކުރުމާއި، ކްލައިމެޓް ފައިނޭންސިންގ ކަށަވަރުކުރުމާއި، ބޯފެން ލޮނުވުުމުގެ ހާދިސާތަކުގައި އަމަލުކުރާނޭ ކުއްލި ހާލަތްތަކާއި ގަވާއިދުތަކުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ފެނާގުޅުންހުރި ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށެވެ. ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް ކަމަށާއި، އަދި، ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. އަދި، ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުވުމަކީ ހުރިހާ ދިވެހިންނަށް ރައްކާތެރި، ހަމަހަމަ، ކުރިމަގެއް ކަށަވަރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަހުގައެވެ. މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި" އެވެ.
ކޮންމެ ރަށެއްގައި ސާފު، އަގުހެޔޮ ބޯފެން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ