8 އާރުޓީއައި އަށް ޖަވާބު ނުދެވި އޮތީ އިންފޮމޭޝަން އޮފިސަރެއް ނެތުމުން: ޝަހީމް

މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީ އަށް 41 އާރުޓީއައި ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 8 އާރުޓީއައި އަށް ޖަވާބު ނުދެވި އޮތީ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފު މަގާމުން ވަކިވުމާ ގުޅިގެން ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީން މައުލޫމާތު ހޯދުމަށް އެދުނު ދެ ހުށަހެޅުމެއްގެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުމަކަށް ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީ 700ރ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން މިނިސްޓަރު ޝަހީމް މިރޭ އެ މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަކީ މައުލޫމާތު ހާމަކުރުމަށް  އިސްކަންދޭ މިނިސްޓްރީ އެއް ކަމަށެވެ.
"އެކަމާ ގުޅިގެން ހެދިފައިވާ އެންމެހައި ގާނޫނުތަކަށް އިހުތިރާމްކުރާ އިދާރާއެއް. މިހާތަނަށް ވެސް މިނިސްޓްރީއަށް ހުށަހެޅެމުންދާ އެންމެހާ ހުށަހެޅުންތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދެމުންދާ ވުޒާރާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ މިނިސްޓްރީ އިން މީޑިއާ އާ ވެސް ގާތްކަން ބާއްވާ ކަމަށާއި އެ މިނިސްޓްރީ ދެމިއޮންނާނީ ވެސް އެގޮތަށް ކަމަށެވެ.
މިނިސްޓަރު ވަނީ 2024 އަދި 2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅުނު އާރުޓީއައިތަކުގެ ތަފާސްހިސާބު ވެސް ހިއްސާ ކުރައްވައިފަ އެވެ.
އެގޮތުން:
2024 ވަނަ އަހަރު
60 އާރުޓީއައި ލިބުނު
އެ ހުރިހާ ހުށަހެޅުމަކަށް ވަނީ ޖަވާބު ދީފައި
2025 ވަނަ އަހަރު
41 އާރުޓީއައި ލިބުނު
33 ހުށަހެޅުމަށް ވަނީ ޖަވާބު ދީފައި
8 އާރުޓީއައި އަށް ޖަވާބު ނުދެވި އޮތީ އިންފޮމޭޝަން އޮފިސަރު ވަކިވުމާއި ގުޅިގެން
 އެކަމަށް ހައްލު ހޯދުމަށް އިދާރީ ގޮތުން މަސައްކަތް ކުރަމުން އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ