ހުއްދަ ނުނަގާ ޕީއެންސީ އޮފީސް އިމާރާތްކުރުމުން ކުރި ޖޫރިމަނާ ދައްކައި، އާ ކުރެހުން ހުށަހަޅައިފި

ހުއްދަ ނުނަގާ، ޕީއެންސީ އޮފީސް އިމާރާތްކުރި މައްސަލައިގައި ޖޫރިމަނާ ފައިސާ ދައްކާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ހ. ވެޔޮވިލާގޭގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ވަނީ އާ އޮފީސް އިމާރާތެއް ހަދާފައެވެ. ފަސް ފަންގިފިލައަށް ހެދި، އެ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި ފަހުން، މޭޔަރު ވިދާޅުވީ، އޮފީސް އިމާރާތްކުރީ ހުއްދަތައް ނުނަގާ ކަމަށެވެ. އެހެންވެ، ނިމުނު ޑިސެމްބަރު 25ގައި، އެ ގޭގެ ވެރިފަރާތް ވަނީ، 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެކަމަކު، އެ އިމާރާތުގެ ވެރިފަރާތް ޝަފީޢާ ޒުބައިރު ބުނީ، އިމާރާތެއްގެ ކުރެހުމަށް ބަދަލު ގެންނަން ބޭނުންވީ ކަމަށާއި، އެހެންވެ އެ ހުއްދައަށް ވެސް ކައުންސިލްގައި އެދުނު ކަމަށެވެ. އަދި ހުއްދަތައް ނުނަގާ ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކުރިއެވެ. https://sun.mv/216557 މިއަދު މޭޔަރު 'ސަން'އަށް ވިދާޅުވީ، އެ ފައިސާ ގޭގެ ވެރިފަރާތުން މިހާރު ދައްކައި، އާ ކުރެހުމެއް ހުށަހަޅާފައިވާ ކަމަށެވެ. މިގޮތުން، އެ އޮފީސް އިމާރާތް ކޮށްފައި ހުރީ، ކުރެހުމާ އެއްގޮތަށްތޯ ބަލައި، އަޅަން ހުރި ފިޔަވަޅުތައް އަޅާނެކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެ، ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ. އޭގެފަހުން މަރާމާތުތަކަށް ފަހު، ފަސް ފަންގިފިލާއަށް އިމާރާތް ވަނީ އުސްކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި، އެ އިމާރާތުގައި ޕީއެންސީގެ ބޮޑު އޮފީހަކާއި ހަރުގެއެއް ވަނީ ހިންގަން ފަށާފައެވެ. އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހަދާފައިވާ އެ ޖަގަހައިގެ ފާރުގައި ބޮޑު ލެޑް ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި، އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ބޮޑެތި ޖަލްސާތައް ކުރިއަށްދާ ވަގުތު އާންމުންނަށް އެ ޖަލްސާތަކުގެ ވާނުވާ ސާފުކޮށްދޭން ހަރުކޮށްފައިވާ ސްކްރީނެކެވެ. ޕީއެންސީއަކީ، މިހާރު ރާއްޖޭގައި ހިންގާ އެންމެ މެންބަރުން ގިނަ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި، 74،048 މެންބަރުން މި ވަގުތު އެ ޕާޓީގައި ތިބިއިރު، ޕީއެންސީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ