އިރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގެ މަގްސަދުތައް ހާސިލްވުމާ ވަރަށް ބޮޑަށް ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް، މި ހަނގުރާމަ ނިމުމަކަށް އަންނާނެ ސީދާ ތާރީހެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތޯބެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ސިފައިން އިރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު ކަނޑުވާލައި، އެ ގައުމުގެ މިސައިލް އަދި ނިއުކްލިއަ ޕްރޮގްރާމްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ ހުރިހާ މަގްސަދުތަކެއް ވަރަށް އަވަހަށް ފުރިހަމަ ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށާއި، އިރާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އެ ގައުމުގެ ހާލަތު އިންތިހާއަށް ދަށަށް ވައްޓާލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން، މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ޓްރަމްޕް އިންޒާރު ދެއްވީ، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އިތުރު ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
"އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އަޅުގަނޑުމެންގެ އަމާޒުތައް ހުރީ ވަރަށް މުހިންމު ތަންތަނަށް ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.
ހަނގުރާމައަށް ފަސް ހަފުތާވެފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުން ފަދަ މުހިންމު މައްސަލަތަކަށް އަދިވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. އަދި ތެލުގެ އަގު އުފުލުމާއި އާންމުންގެ ނުރުހުން އިތުރުވުމުގެ ސަބަބުން ޓްރަމްޕްގެ ސަރުކާރަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.
އިރާނު ހަނގުރާމައިގެ މަގްސަދު ހާސިލްވުމާ ގާތްވެއްޖެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ