ކުޅުދުއްފުށީގައި މީހަކު ރުކަކުން ވެއްޓި، ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި

ކުޅުދުއްފުށީގައި މިއަދު ރުކަކުން މީހަކު ވެއްޓި، ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ. ސޯޝަލް މީޑިއާގައިވާ ގޮތުން، ކުޅުދުއްފުށީގައި ރުކަކުން ވެއްޓި އަނިޔާވީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ، އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެ މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ ކަމަށް ވެސް ވެއެވެ. އެކަން ކަށަވަރުކޮށްދެއްވައި ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުالله 'ސަން'އަށް ވިދާޅުވީ، ރުކަށް އަރައި އުޅެނިކޮށް ވެއްޓުނު މީހާ، ހާދިސާ ހިނގުމުގެ ކުރިން ވެސް ރުކަށް އަރައި މަސައްކަތްކުރި ކަމަށެވެ. އެ މީހާ ވެއްޓުނީ، ކުޑަ ބްރޭކެއް ނަގައި، އަލުން ރުކަށް އަރައި މަސައްކަތްކުރަން އުޅެނިކޮށް ކަމަށް، ޢަބްދުالله ވިދާޅުވިއެވެ. ފުލުހުން ބުނީ، ކުޅުދުއްފުށީގައި ރުކަކުން މީހަކު ވެއްޓި އަނިޔާ ވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:06 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ