އީމާންވީ މަދު މީސްކޮޅަކާއެކު ނުކުމެވަޑައިގެން މުޝްރިކުންގެ ބައިބޯ ލަޝްކަރަކާ ހަނގުރާމަކޮށް ބަދުރުގެ މައިދާނުގައި މުސްލިމުން ފަތަހަ ހޯދި ތާރީހީ ފަހުރުވެރިކަން ނިސްބަތްވަނީ އަހަރެން ފަދަ ރޯދަ މަހަކަށެވެ. ހައްގު ފާޅުވެއްޖެކަމާއި ބާތިލު ނެތިވެ ހިނގާއްޖެކަން އިއުލާނު ކުރައްވަމުން މުސްލިމުން މައްކާ ފަތަހަކުރި ހާދިސާ ނިސްބަތްވަނީ ވެސް އަހަރެން ފަދަ ރޯދަ މަހަކަށެވެ.
ދުނިޔޭގައި އޭރު ބާރުވެރިކަމުގެ ގޮތުން ދެވަނައެއް ނެތްފަދަ ޞަލީބީންގެ އަތްދަށުން ބައިތުލްމަޤްދިސް މުސްލިމުންގެ އަތްދަށަށް ގެނެސް އެބައި މީހުންގެ މައްޗަށް ޙިއްޠީން ހަނގުރާމައިގައި ޞަލާޙުއްދީނުލް އައްޔޫބީ ހޯއްދެވި ތާރީހީ ނަސްރާއި ކާމިޔާބު ވެސް ނިސްބަތް ވަނީ އަހަރެންފަދަ ރޯދަ މަހަކަށެވެ.
މުޙައްމަދުލްފާތިޙްގެ ކޮމާންޑަރުކަމުގެ ދަށުން، ކޮންސްޓެންޓިނޯޕްލް ނުވަތަ މިހާރުގެ އިސްތަންބޫލު މުސްލިމުން ފަތަހަކުރި ޝަރަފުވެރި ހާދިސާ ވެސް ނިސްބަތްވަނީ އަހަރެން ފަދަ ރޯދަ މަހަކަށެވެ. އެދުވަސްވަރެއްގައި ދުނިޔެ ނުދެކޭފަދަ ކައްޓަރުކަމާއި ގަދަބަދަވިކަން ދުނިޔޭގެ ހަބިތަށް ފަތުރައިގެން އުޅުނު މުގޯލުންނާ ހަނގުރާމަކޮށް ސައިފުއްދީން ޤުޠުޒްގެ ކޮމާންޑަރުކަމުގައި މުސްލިމުން ތަތާރުން ބަލިކުރީވެސް އަހަރެން ފަދަ ރޯދަ މަހެއްގައެވެ.
ހިތާމައިގެ ކޮޅަށް ހިތާމަހުއްޓެވެ! ނަސްރާއި ކާމިޔާބުތަކުގެ މައްސަރުގެ ގޮތުގައި މުސްލިމުންގެ ތާރީހުން ފެންނާން އޮތް ރަމްޟާން މަހުގެ އެތާރީހީ ފަހުރުވެރިކަން އިދިކޮޅަށް ޖެހިފައިވާ ތަން ފެންނަތާ އެތައް ސަތޭކަ އަހަރެއް ފަހުން، މި ރަމްޟާން މަހު އެކަން އަދި މާ ބޮޑަށް ހަނދާންވަމުންދާތީއެވެ. މިއިޝާރާތްކުރީ އިރާން އެމެރިކާ ހަނގުރާމައަށެވެ. މި ހަނގުރާމައެއް ފެށިގެން މިދިޔައީ މި ރަމްޟާން މަހުގައެވެ.
ހަނގުރާމަ މިހާހިސާބަށް ދިޔައިރު ހާމައަށް ފާޅުވާ ހަގީގަތަކީ އަހަރެމެންގެ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ މިންވަރާ ގާތަށް ވެސް އެއްބައިވަންތަކަމެއް ނެތުމާއި، އަމުދުން މުސްލިމުންގެ އަދުއްވުންނާ ކުރިމަތިލާނެ ބާރުވެރިކަމެއްވެސް ނެތްތާނގައި، ބައެއް އިސްލާމީ ގައުމުތަކުން އިސްލާމީ އުންމަތުގެ އަދާވާތްތެރިންނަށް ވާގިދިނުމަށް މަޖުބޫރުވެފައިވާ ލަދުހުތުރު ހަގީގަތެވެ.
އަހަރެމެން މުސްލިމުން ކިތަންމެހާވެސް އަޅުވެރިއެވެ. ރޭގަނޑުގައި ދަމުނަމާދުކުރެއެވެ. އިސްލާމްދީނަށް ނަސްރުލިބުން އެދި ގިނަގިނައިން ދުއާކުރެއެވެ. ދެހަރަންފުޅުގެ ދުއާތައް ކުރައްވާ އިމާމްވެރި ބޭކަލުންގެ ކީރިތިކުރެއްވުމުގެ އަޑާއެކު ހިނގަމުންދާ އަސަރުގަދަ ދުއާތަކަށް އާދޭހުގެ އިންތިހާގައި އަހަރެމެން އެންމެން އާމީން ކިޔަމުއެވެ. މުޅި އިސްލާމީ އުންމަތުގެ ބޮޑު އާބާދީގެ އެންމެން މިތިބެނީ ރޯދައަށެވެ. އެހެން ހުރިހާ މަހަކަށްވުރެ ގިނައިން ޤުރުއާން ކިޔަވަމުއެވެ. ކިއެއްތޯއެވެ! އެންމެހާ ކަމެއް ހުސްކޮށްގެން އަހަރެމެން މިތިބީ ރޯދަމަހަށްޓަކައެވެ. އެކަމަކު މި ލިޔުމުގެ ފެށުމުގައި އެވާ ފަދައިން މި ރޯދަ މަސް އަހަރެމެން މުސްލިމުންނާ މެދު ލަދުވެތިކަމުގެ ނަޒަރުން ދެކެމުން އެދަނީ ލަދުވެތިކަމެއް ހުރި ކޮންމެ މުސްލިމަކު ލަދުން ބޯ ހިއްލާލާން ނުކެރޭނޭ ދަރަޖައެއްގައެވެ.
ޤުރުއާން ކިޔެވިޔަކަސް އަދި ކަމަކު ނުދާނެއެވެ. އަޅުގަނޑާއެކު އަންފާލް ސޫރަތަށް ވަޑައިގަންނަވާށެވެ! އެ ސޫރަތުން ދެތިން އާޔަތް ނަންގަވައިގެން ވިސްނާފިކުރުކޮށްލުމަށެވެ. އެދެތިން އާޔަތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ފުރަތަމަ އަންފާލް ސޫރަތުގެ ފަންސާސް ދެވަނަ އާޔަތެވެ. މިއާޔަތުގައި ބަޔާންކުރައްވަނީ ތާރީހު ދުށް އެންމެ އަނިޔާވެރި އެންމެ ކިބުރުވެރި އެއް އިންސާނާ ކަމަށްވާ ފިރުއައުނު ހަލާކުކުރެއްވި ވާހަކައެވެ. ފިރުއައުނު ހަލާކުކުރެއްވި ވާހަކަ މި ގޮތަށް ބަޔާންކުރެއްވުމަށްފަހު ވިދިގެން އޮތް އާޔަތުގައި އަންގަވާފައިވާ ބަސްފުޅުން، އަހަރެމެން މުސްލިމުންނަށް މުސްލިމުންގެ ވެރިންނަށް އެހެރަ ދެއްވަނީ މަތިވެރިވެގެންވާ އިރުޝާދެކެވެ.
"އެއީ ބަޔަކުމީހުންނަށް ﷲ ދެއްވާފައިވާ ނިއުމަތެއް، އެބަޔަކުގެ އަމިއްލަ ނަފުސުތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާނދެން ހަމަކަށަވަރުން، އެކަލާނގެ ބަދަލެއް ނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ."
މިދެއާޔަތަށް ފުންކޮށް ނަޒަރުކުރީމާ މުސްލިމުންގެ ތާރީހުގައި މުސްލިމުންނަށް ލިބި އޮތް ބާރުވެރިކަމުގެ ނިއުމަތް އަހަރެމެންގެ ރޯދަ މަސްތައް ފަހުރުވެރިވަމުންދިޔަ ނަސްރާއި ނަސީބުތަކުގެ ސަބަބުކަމުގައިވި އާރާއި ބާރުގެ ނިއުމަތް ބަދަލުކުރީ ހަމަ އަހަރެމެން މުސްލިމުން އަމިއްލައަށްކަން ދޭހަނުވޭތޯއެވެ. އަމިއްލަ ބާރުވެރިކަން ދަމަހައްޓަން ކުރިއަރުވަން މަސައްކަތްކުރުމުގެ ބަދަލުގައި ކާފަރު ގައުމުތަކަށް އަހަރެމެންގެ ލަގަން ގެއްލޭނެހެން ކަންނެތްކަމާއި ޖާހިލުކަމާއެކު ނިންމުންތައް ނިންމީ ހަމަ އަހަރެމެންގެ ދެއަތްތަކުންނެވެ. މިއަދު ފެންނަމުން މިދަނީ އޭގެ ނަތީޖާއެވެ.
އެއަށްފަހު އަންފާލް ސޫރަތުގެ ފަންސާސް ފަހެއް އަދި ހަވަނަ އާޔަތް ބައްލަވާލައްވާށެވެ. ދެ އާޔަތުން މުރާދުވާ ހަގީގަތަކީ ކާފަރުންގެ ތެރެއިންވެސް އެއްބަސްވުންތަކާއި އަހުދުތަކަށް ކަމޭ ހިތުމެއް ނެތި އަހުދުތައް އުވާލާ މީހުންނަކީ ދިރޭތަކެތީގެ ތެރެއިންވެސް އެންމެ ނުބައި ތަކެތިކަމުގައި އެވަނީ ސިފަކުރައްވާފައެވެ. ޝައްކެތް ނެތެވެ. އަހަރެމެން މުސްލިމުންނާ އަދާވާތެރިވުމެއް ނެތް އަހުދަށް ކަމޭހިތުމުގައި ދެމިތިބޭ ކާފަރުންނާ ގުޅުން ބަދަހިކުރުމަކީ އޮތް ކަމެކެވެ. އެވާހަކައެއް ނޫނެވެ. އެއްވެސް ބަޔެއްގެ އަޅުވެތިކަމުގެ ދަށަށް ދާވަރަށް ފިޑިކަމާއި ކަންނެތްކަން ގެނެސްގަތުމަކީ އިސްލާމްދީނުގައި އޮތް މަގެއް ނޫނެވެ. ދެތިން ގައުމެއް ފިޔަވައި ހުރިހާ ސުންނީ ގައުމެއްގެ ހާލަކީ މިއަދު އެއީ ކަމަށްވުމަކީ އެއީ އިސްލާމްދީނާ އެއްގޮތަށް އެބައިމީހުން ތިބިކަމުގެ ހުއްޖަތެއް ވެސް ނޫނެވެ.
އަންފާލް ސޫރަތުގެ ފަންސާސް އަށްވަނަ އާޔަތް ވިދާޅުވާށެވެ! "ބަޔަކުމީހުންގެ ކިބައިން ހިޔާނާތްތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ މުއާހަދާއެއް) އެބަޔަކުގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން ހިޔާނާތްތެރިންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." އާދޭހެވެ! އަހަރެމެންގެ އަދާވާތްތެރިން ހަމަލާދެންދެން މަޑުކުރުމަކީ ވެސް އޮތް ކަމެއްނޫނެވެ. އެބައިމީހުންގެ ބަސްމަގާއި އަމަލާއި ރާގު ހުރި ގޮތުން މުސްލިމުންނާއެކު ވެފައިވާ އަހުދުތަކަށް ހިޔާނާތްތެރިވެދާނެކަމަށް ބެލެވިއްޖެނަމަވެސް އެ އަހުދުތައް ކުރިޔާލާ މުސްލިމުން އިސްވެ އުވާލުމަކީ އެއީ އިސްލާމްދީނުގައި އޮތްގޮތެވެ. މިހުކުމްފުޅުތަކުން ވަކި ސައުދީ އަރަބިއްޔާއެއް ގަތަރެއް ކުވައިތެއް އިސްތިސްނާވެގެން ނުވެއެވެ.
ޝައްކެތް ނެތެވެ. އިސްލާމީ އުންމަތަށް ޖެހިފައި މިވާ އެންމެހާ ބަދުނަސީބެއް ލައިގަނެފައިމިވަނީ އަންފާލް ސޫރަތުގެ ފަސްދޮޅަސްވަނަ އާޔަތަށް އަމަލުކުރުން ސުންނީ ގައުމުތަކުން ވަކިން ހާއްސަކޮށް އިސްލާމީ ދުނިޔޭގެ އެންމެ މުއްސަނދި ގަލްފު ގައުމުތަކުން އެކީއެކަށް ހުއްޓާލާފައިވާތީއެވެ. އެއާޔަތް ވިދާޅުވާށެވެ. "އެމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲ ގެ އަދުއްވުންނާއި، ތިޔަބައިމީހުންގެ އަދުއްވުންނާއި، އެމީހުންންނޫން މީހުންވެސް ތިޔަބައިމީހުންނާމެދު ޖެހިލުންވެ ބިރުހީވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެއެވެ. ﷲ އެމީހުން ދެނެވޮޑިގެންވެއެވެ. އަދި ﷲ ގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަމަޔަށް ލިބޭނެއެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ."
އަހަރެމެން މުސްލިމުން ތިބެންޖެހެނީ އަސްކަރީ އަދި އިގުތިސާދީ ފުދުންތެރިކަމާއެކު ދުނިޔޭގައި ނެތްފަދަ ބާރެއްގެ ގޮތުގައެވެ. އަސްކަރީ އަދި އިގުތިސާދީ ބާރުވެރިކަމުގައި އެމެރިކާއާއި އިޒްރޭލުގެ އަޅުންކަމުގައިވެގެން ތިބޭ އިސްލާމީ ދައުލަތްތަކުގައި އެކަންކަމުގެ މައްޗަށް އިހުތިޖާޖުތައް ރާވާނެ އިލްމުވެރިން ނެތް ގައުމަކީ، އެފަދަ ދީނީ ދައުވަތުގެ މަންހަޖެއް ނެތް ކޮންމެ ދީނީ ދައުވަތަކީވެސް ދީނީ ގޮތުން އުރައްޕެތް ނެތް އެއްޗެކެވެ.
މިރޯދަ މަސް އެބަ ބުނެއެވެ! މިރޯދަ މަސް އެބަ ބުނެއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ