ބައިވެރިޔާ ކޮށްދޭ ކަންކަމަށް ތައްރީފް ނުކުރާނަމަ އިސްތިޢުފާދޭ ދުވަހެއް އަންނާނެ! އެއީ ލޯބިނުވާތީއެއް ނޫން!

އަހުރެން މިވާހަކަ މިބުނަނީ އަންހެނުންނަށް ފިރިހެނުންނަކަށް ނޫނެވެ. ދެމަފިރިންނަށެވެ. އެކަމަކު މިއީ ފިރިން ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 
ހެޔޮލަފާ އަނބިން އަދާކުރާ ވަޒީފާތައް ވަރަށް ގިނަވާނެއެވެ. ފިރިމީހާގެ ފޭރާން ދޮވެއިސްތިރިކޮށްދިނުމުގެ އިތުރުން ރީތިކޮށް ބަހައްޓަން މަސައްކަތްކޮށްދިނުމުގެ އިތުރަށް ގޭގައި ނޯކަރެއްގެ މަސައްކަތްކުރެއެވެ. ކައްކައި ކާންދެއެވެ. މިހެންގޮސް ފިރިމީހާއަށް ބޭނުންވާނެ ހުރިހާ ކަމެއްވެސް ކޮށްދެއެވެ. ހަމަ އެގޮތަށް ހެޔޮލަފާ ފިރިން އެމީހުންގެ އަނބިމީހާއަށް ބޭނުންވާނެ ހުރިހާ ކަމެއްވެސް ކޮށްދެއެވެ.
ދެމީހުންވެސް އަނެކާ ކޮށްދޭ ކަންކަން ބަލައިގަންނަންވާނެއެވެ. ޝުކުރުއަދާކުރަންވާނެއެވެ. ތަޢްރީފްގެބަސް ބުނަންވާނެއެވެ. ނޫންނަމަ އަނެކާއަށް ވިސްނޭނީ އޭނާ ކޮށްދޭ ކަންކަން ބަލައި ނުގަންނަނީ ކަމަށެވެ. އެހިސާބުން ވަރަށް ބޮޑު މާޔޫސްކަމެއް ލިބެންފަށާނެއެވެ. ކުރިން ވަރަށް ލޯބިން ކޮށްދިން ކަންކަން މަޖުބޫރުވެގެން ކުރާ ކަންކަމަށް ބަދަލުވާންފަށާނެއެވެ. 
އެއީ އެއްވެސް ޙާލެއްގައި އަނެކާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. ކޮށްދޭ ކަންކަމުގެ އަގުވަޒަންނުކުރާތީ މާޔޫސްވާންފަށަނީއެވެ. އެމާޔޫސްކަމުގައި ގިނަދުވަސްވާންޖެހިއްޖެނަމަ އަނެކާދެކެ ކިތަންމެ ބޮޑަށް ލޯބިވިޔަސް އިސްތިޢުފާދޭ ދުވަހެއް އަންނާނެއެވެ. 
ވީމާ ބުއްދީގެ ބޭނުންކުރާށެވެ. އެދުވަސް އަޔަނުދޭށެވެ. ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން އަނެކާކޮށްދޭ ކަންކަމުގެ އަގުވަޒަންކުރާށެވެ. ޝުކުރުވެރިވެ ތަޢްރީފްކުރާށެވެ. ދުޅަހެޔޮކަންމަތީގައި ލޯތްބާއިއެކު ދެމީހުންގެ ގުޅުން ދެމެހެއްޓުމުގެ އެންމެ ބޮޑުބާރަކަށް އެކަންވެގެންދާނެއެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ