އިދިކޮޅުގެ މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކާއި މީހުންގެ އަބުރު ގެއްލޭފަދަ ވާހަކަތައް ދައްކާކަމަށް ބުނެ އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ރޭ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ ކައުންސިލް އިންތިހާބަށްފަހު އިދިކޮޅު އެމްޑީޕީ ހިމެނޭހެން، ޕީއެންއެފްއިން ވެސް އަންނަނީ މަގުމަތީގައި ސިލްސިލާ އެެއްވުންތަކެއް ބާއްވަމުންނެވެ. އެމްޑީޕީގެ ބައެއް މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގާ ބައެއް މީހުން ހައްޔަރުވެސް ކޮށްފައިވެ އެވެ. އެކަމަކު އެމީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ބުނީ ކީކޭ؟ - މި އެއްވުންތައް ރޭ ވެސް ބާއްވާފައިވަނިކޮށް، އެޗްއާރްސީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ސިޔާސީ ޕާޓީތަކުން ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލޭގައި ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި އެވާހަކަތައް މީޑިއާގެ ޒަރިޔާއިން އާންމުވެ، އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ނަފްރަތު އުފެދި، ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަމަށެވެ.
އެޗްއާރްސީއެމްއިން ބުނީ:
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ހައްގެއްކަމުގައި ވީނަމަވެސް އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން އަނެކާގެ ހައްގުތަކަށް އިހުތިރާމު ކުޑަނުވާނެގޮތައް
ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ފާޅުކުރެވޭ ހިޔާލުތަކުގައި ވެސް މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ ހަމަނުޖެހުން ނަގާލުމަށް ގޮވާލުމުގެ އިތުރުން އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ހިޔާލު ފާޅުކުރަމުންދޭ
އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެއް ކަަމަށާއި އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމަށް ބުނި
"އަދި، މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށާއި ކަމާގުޅުންހުރި ދައުލަތުގެ މުވައްސަސާތަކުން މިކަންކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އެޅުއްވުމަށް ކޮމިޝަނުން ގޮވާލަމެވެ،" އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އެ ކޮމިޝަނުން ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުންކުރާއިރު އެހެން މީހުންގެ ހައްގުތަކަސް ހުރުމަތްތެރިކޮށް ހިތައި ހަމަނުޖެހުމާއި އަނިޔާވެރި އަމަލުތަކަށް ހިތްވަރުނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. ސިޔާސީ ހަރާކާތްތަކުގެ އާންމު މަސްލަހަތު އިސްކޮށް މީހުންގެ އަބުރަށް ގެއްލުވާނެ ކަންކަން ނުވާނެފަދަ ގޮތަކަށް އެކަންކަން އިންތިޒާމުކުރުމަށް ވެސް ގޮވާލި އެވެ.
މީގެ އިތުރުން، ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް އެއްބާރުލުން ދިނުމަށް ގޮވާލި އެވެ.
މުޒާހަރާތަކުގައި އިޖުތިމާއީ މިންގަނޑާ ހިލާފުވާ ނަމަ ފިޔަވަޅު އަޅަން އެޗްއާރްސީއެމްއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ