އެންމެ 24 ގަޑިއިރުގެ ތެރޭގައި 704 މީހުން ޝަހީދު ކޮށްލައިފި

އެންމެ ދުވަހެއްގެ ތެރޭގައި ފަލަސްޠީނުގެ 704 މީހުން، އިޒްރޭލުގެ ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ޝަހީދުކޮށްލައިފިއެވެ.
މިކަން ހާމަކޮށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ބުނީ، ޝަހީދުކޮށްލި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. ޔަހޫދީން ބުނީ އަންގާރަ ދުވަހު އެކަނި ވެސް ފަލަސްޠީނުގެ ހަނގުރާމަވެރިންގެ 400 އަމާޒަކަށް ހަމަލާ ދެވުނު ކަމަށާއި، އޭގެ ކުރީ ދުވަހު 320 ޓާގެޓަކަށް ވައިގެ މަގުން ހަމަލާ ދެވުނު ކަމަށެވެ.
”ނިރުބަވެރިން“ގެ އަމާޒުތަކަށް ހަމަލާ ދިނުމުގެ ނަމުގައި ޔަހޫދީން އަންނަނީ ފަލަސްޠީނުގެ އެތައް ކުޑަކުދިންނެއް ޝަހީދު ކުރަމުންނެވެ. އިޒްރޭލުގެ ފޮރިން މިނިސްޓަރު، އެލީ ކޯހެން އދ.ސަލާމަތީ މަޖިލީހުގައި ބުނީ، މި މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން ދިން ”ސަޕްރައިޒް އެޓޭކް“ގެ ބަދަލު ހިފުމުގައި އެ ޖަމާއަތުގެ އެންމެ ފަހު މީހާގެ ދުވަސްވެސް ދުއްވައިލާނެ ކަމަށެވެ. ހަމާސް ނެތިކޮށްލުމަކީ ޔަހޫދީންގެ ވާޖިބެއް ކަމުގައި ވެސް އޭނާ ބުންޏެވެ.
ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުން މިހާރު ވަނީ ކާބޯތަކެއްޗާއި، ފެނާއި، ތެލަށް ޖެހިފައެވެ. ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލުތަކަށް ގެންނަމުންދާއިރު، ތެޔޮ ހުސްވުމުގެ ސަބަބުން އެތަންތަނުގެ ޚިދުމަތްތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ