ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފި އެވެ.
އީވާ މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވުމާއެކު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ގަވާއިދު ބުނާ ގޮތުން ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރި ދުވަހުން ފެށިގެން މަޖިލީހުގެ ނާއިބު ރައީސް އީވާ މަޖިލިސް ޖަލްސާތަކަށް ވަޑައެއް ނުގަންނަވައެވެ.
އީވާ ވިދާޅުވީ ނަޝީދުގެ މައްސަލަ އެމްޑީޕީން މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތުމުން، އެ މައްސަލާގައި މަޖިލީޖހުގެ ރިޔާސަތު ބަލަހައްޓަވަން ބޭނުންވެވަޑައިގުނަންނަވާ ކަމަށާ ކޯޓުން މައްސަލަ ނިންމުމުގެ ކުރިން ވަކި ގޮތެއް އިހްތިޔާރުކޮށްގެން ކުރިޔަށް ގެންދިޔުމަކީ މަޖިލީހުން މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށެވެ.
އީވާ ވިދާޅުވީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެ ތަންތަނަކީ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ކޯޓުތަކަށް އެހީތެރިވުން ގާނޫނު އަސާސީން ދައުލަތުގެ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި ފަރާތްތަކަށް މަތިކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް އިހުތިޔާރުކޮށްގެން ކުރިއަށް ގެންދިއުމަކީ، ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަށް ނުފޫޒަކަށް ވާނެ ކަމަށްވެސް އަޅުގަނޑު ދެކެން،"
މީގެ އިތުރުން ވަކި ގޮތަކަށް ކަމެއް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، ކޯޓުން ގޮތެއް ކަނޑަނާޅަނީސް ކޯޓަށް ދިޔަ ފަރާތުން، ކޯޓުން އަންނާނެ ނިންމުމަކަށް ބެލުމެއް ނެތި، އަނެއްކާވެސް މަޖިލީހުގައި ވަކި ގޮތަކަށް ކަންކުރުމަށް މަސައްކަތްކުރުންވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމް ކުޑަކުރުން ކަމަށް ދެކޭ ކަމަށް އީވާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި ބަލަމުން ގެންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިޔައަށް ގެންދިޔުމަށް ރިޔާސަތުގައި އިނުމަށް އަޅުގަނޑު އުޒުރުވެރިވާ ވާހަކަ ދަންނަވަން."
އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް އޮތީ ތާވަލުކޮށްފަ އެވެ. ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅީ 49 މެންބަރެއްގެ ސޮޔާ އެކީގަ އެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައެވެ.
ކޯޓުން ގޮތެއް ނުނިމެނީސް ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ