ކޯޓުގެ ހުރުމަތް ކެނޑީކަމަށް ބުނެ އުޝާމަށް ފިޔަވަޅު އަޅައިދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، އެ އޮފީހާމެދު ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ. މި ސިޓީ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އަލީއެވެ. މިދިޔަ ފެބްރުއަރީ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން އެދުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު -- މި ކަމާ ގުޅިގެން ސުޕްރީމް ކޯޓަށް އަލީ މިއަދު ފޮނުއްވި ސިޓީގައިވަނީ، ކޯޓުން ދައުލަތަށް ދީފައިވާ 10 ދުވަހުގެ މުއްދަތު 28 ފެބްރުއަރީއަށް ހަމަވެފައިވާކަން ފާހަގަ ކުރައްވައިފައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އޭޖީ އޮފީހުން އެ މައްސަލައިގެ ޖަވާބު ފޮނުވާފައިނުވާއިރު، ޖަވާބު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް އެ ސިޓީގައިވެއެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތަށް ލާޒިމު ކަމެކެވެ. އަދި ފަނޑިޔާރުންގެ އަމުރުތަކަށް ކިޔަމަންނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެއެވެ. އެހެންވެ އަލީ ފޮނުއްވި ސިޓީގައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ، ބަންޑާރަނައިބު އަހުމަދު އުޝާމްގެ މައްޗަށް ފިޔަވަޅު އަޅުއްވައިދެއްވުމަށެވެ. އަދި ހިނގަމުންދާ މައްސަލައިގެ ޖަވާބު ފޯމު ހުށަހެޅުމަށް އޭޖީ އޮފީހަށް އަންގައިދިނުމަށެވެ. https://x.com/AleeVoice/status/1897577455986278806/photo/1 ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދުގެ އިތުރުން، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. މި މައްސަލަ ބަލަމުން ދަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ހުސްނުއްސުއޫދާއި، ފަނޑިޔާރުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރިއެވެ. https://sun.mv/203289 މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދުމުން، އެ ކަމާ ގުޅޭ އަޑުއެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކުރިއެވެ. އެހެން ނަމަވެސް ހަމަ އެ ދުވަހު ހެނދުނު، ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ. މަޖިލިސް ޖަލްސާ ނިމުނު ފަހުން، ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރިއެވެ. އެއާއެކު އެ ދުވަހު 11:00ގައި އޮތް އަޑުއެހުން ވެސް ކެންސަލްކުރިއެވެ. މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަން ސާފުވާކަމަށް އިދިކޮޅުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ