ޗައިނާ ސަރުކާރުން ރާއްޖޭ އަށް ކުޅިވަރު ކުޅޭ ސާމާނު ފޯރުކޮށްދޭން ނިންމައި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހ. ބޯޅަގޭގައި މިއަދު ބޭއްވި ހަފުލާގައި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވައިފައިވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. އަދި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) އެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ކުޅިވަރާ ބެހޭ ވަޒީރު ރާފިއު ވިދާޅުވީ، ޗައިނާ އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުއްވުމަށް ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ރާފިއު ވިދާޅުވީ ރާއްޖޭން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނެއް އެކުލަވާލާފައިވާއިރު، އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އޮލިމްޕިކްސް އާއި އޭޝިއަން ގޭމްސް ކަހަލަ ބޮޑު މުބާރާތަކުން ޕޯޑިއަމް ފިނިޝް އެއް ހޯދުން ކަމަށެވެ. އެ ކަމަށް، ކުރަމުން އަންނަ މަސައްކަތުގައި ޗައިނާ ވެގެންދާނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބައިވެރިއަކަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު ޝިއަންހުއާ ވިދާޅުވީ، ޗައިނާ އިން އަބަދު ވެސް ރާއްޖެ އަށް ކުޅިވަރުގެ މައިދާނުގައި އިތުރަށް ކުރިއަށް ދިޔުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ގޮތުން، ކުޅިވަރު ސާމާނު ހަދިޔާ ކުރުން ފަދަ ކަންކަމުގެ އިތުރުން، ކުޅުންތެރިން ތަމްރީނުކުރުން ކަހަލަ ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށް ޝިއަންހުއާ ވިދާޅުވި އެވެ.
ޗައިނާއާ ރާއްޖޭއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ފުޓުބޯޅަ، އެތުލެޓިކްސް، ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅޭނެ ސާމާނު ފޯރުކޮށްދޭނެ އެވެ.
ޗައިނާ އިން ކުޅިވަރު ކުޅޭ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފި ޗައިނާ އިން ކުޅިވަރު ކުޅޭ ސާމާނު ރާއްޖެ އަށް ހަދިޔާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ