ކްރިމިނަލް ކޯޓަށް ނުފޫޒު ނުފޯރުވާކަން ގާޒީންގެ ބަޔާންތަކުން ހާމަވޭ: އަޒްމިރަލްދާ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީއަށް ކްރިމިނަލް ކޯޓުގެ ގާޒީން ދެއްވި ބަޔާންތަކުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެ ކޯޓަށް ނުފޫޒު ނުފޯރުވާކަން ހާމަވާ ކަމަށް އަޒްމިރަލްދާ މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު ޖޭއެސްސީން ސަސްޕެންޑުކޮށްފައިވާ އަޒްމިރަލްދާ، ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެގޮތުން ތުހުމަތުކޮށްފައިވަނީ، ސްޕާއެއްގައި ހުއްޓައި އޭނާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށެވެ. އަޒްމިރަލްދާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އޭނާގެ ގާނޫނީ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ، އެ މައްސަލައިގައި ޖޭއެސްސީން ތަހުގީގު ރިޕޯޓު ހިއްސާކޮށްފައިވާ ކަމަށާއި އެ ރިޕޯޓާއެކު ވަނީ، ޖޭއެސްސީން ކުރި ތަހުގީގުގައި ކްރިމިނަލް ކޯޓުގެ ތިން ގާޒީން ދެއްވި ހެކި ބަހުގެ ޓްރާންސްކްރިޕްޓްވެސް ހިމަނައިފައި ކަމަށެވެ. އެ ބަޔާނުގައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ވެސް އަޑުއެހުން ހިނގަމުން ދިޔައިރު ވެސް އަދި އޭގެ ފަހުން ވެސް އޭނާ އެއްވެސް ކޯޓެއްގެ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަން ގާޒީންގެ ބަޔާންތަކުން ސާފުކޮށް އެނގޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ގާޒީއަކަށް އަޒްމިރަލްދާ އަމިއްލައަށް ވެސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައި ވެސް ނުވާކަން ބަޔާންތަކުން ސާފުވާ ކަމަަށް ވަކީލުން ބުންޏެވެ. "އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއް ވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވެއެވެ. އެހެންކަމުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވި ކަމަށް ތުހުމަތެއް ކުރުމުގެ އަސާސެއް ވެސް ނެތް ކަމާއި، އޮތްނަމަ އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމުގައި ދެކެމެވެ." ބަޔާނުގައިވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު: ދެ ބޭފުޅުންނަށް ވެސް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކޮށްފައި -- ފޮޓޯ: ރައީސް އޮފީސް މީގެ އިތުރުން ގާޒީން ދެއްކެވި ވާހަކަތައް ޓްރާންސްކްރިޕްޓްތަކުން އެނގެން އޮތްއިރު، ގާޒީއަކު ވިދާޅުނުވާ ވާހަކަތަކެއް ޖޭއެސްސީން ތަހުގީގު ރިޕޯޓުގައި ހިމަނައިފައިވާކަން ފާހަގަކުރެއްވިފައިވާ ކަމަށް ވަކީލުން ބުންޏެވެ. އެއީ، ކޮމިޝަނުންނާއި ތަހުގީގު ކުރާ ކޮމިޓީން މައްސަލަތައް ބަލަން ޖެހޭނީ އިންސާފުވެރިކަމާއެކު ބުނާ ގާނޫނާ ޚިލާފު ކަމެއް ކަމުގައި ވަކީލުން ފާހަގަކުރިއެވެ. ޖޭއެސްސީން އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި އޭރު ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސްނުއްސުއޫދު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަ ބަލާ ކަމަށް ބުނެއެވެ. މަހާޒަށް ވެސް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކޮށްފައިވާއިރު އޭނާ ވެސް ވަނީ ތުހުމަތަށް އިންކާރުކުރައްވައިފައެވެ. އަޒްމިރަލްދާ ވަނީ އެފަދަ މައްސަލައެއް ބަލާކަން އޭސީސީން އެންގިއިރު، އެ މައްސަލަ ބަލަން ފަށައިފައި ވެސް ނުވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެ މައްސަލަ ފޮނުވީ، އޭސީސީގެ ރައީސް އާދަމް ޝާމިލް އަމިއްލަ މަގާމު ދިފާއު ކުރެއްވުމަށް ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އޭސީސީން ވަނީ އެ މައްސަލަ ބަލަން ރެޖިސްޓާ ވެސް ކޮށްފައެވެ. އަޒްމިރަލްދާއާއި، މިމަހުގެ ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވި ސުއޫދު ވެސް ވަނީ ސަރުކާރުންނާއި މުއައްސަސާތަކުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ދުވަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ބިލެއް ވެސް ފާސްކުރިއެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލައްވައިފައެވެ. އެ ބިލަށް އިދިކޮޅާއި ޕީއެންސީގެ ބައެއް މެންބަރުންނާއި ގާނޫނީ ދާއިރާގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބިލަށް ބަދަލުތައް ގެންނަން އަލުން ކޮމިޓީއަށް ފޮނުވަން އިއްޔެ ވަނީ ފާސްކޮށްފައެވެ. އަަޒްމިރަލްދާއާއި ސުއޫދު ވެސް ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން މި ފިޔަވަޅުތައް އަޅަނީ، ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށެވެ. އެއީ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ