ބޮޑުކުރި ފުރާ މީހުންގެ ޓެކުހުގެ އާމްދަނީ 11 ޕަސެންޓު އިތުރު

ދިވެހިންގެ އަތުން ބޮޑުނުކޮށް ބޭރަށް ފުރާ މީހުންގެ އަތުން ބޮޑުކުރި ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފަ އެވެ،އޭޑީއެފްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އަށް ޕަސެންޓު އިތުރުވެފަ އެވެ.
މި އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުކުރި ޑިޕާޗާ ޓެކުސް ނުވަތަ ފުރާ މީހުންގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ 11 ޕަސެންޓް އިތުރު ވެއްޖެ އެވެ. 
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޑިޕާޗާ ޑެކުހުގެ ގޮތުގައި ދައުލަތަަށް 215 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މި ޓެކުހުން މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ލިބިފައިވަނީ 193 މިލިއަން ރުފިޔާ އެވެ. އެހެންވެ މިއީ މިދިޔަ އަހަރަށްވުރެ 11 ޕަސެންޓުގެ އިތުރުވުމެކެވެ. 
މީރާގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި މުއްދަތުގައި އެއާޕޯޓް ތަަރައްގީ ކުރަމުންދާތީ ނަގާ އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިދިޔަ ދެ މަސް ދުވަހު އޭޑީއެފްގެ ގޮތުގައި 214 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 197 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި އޭޑީއެފްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އަށް ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ.  
ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ. މިގޮތުން އިކޮނޮމީ ކްލާހުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސްއަށް ބަދަލެއް ނުގެނެ ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރަށް ބޮޑުކޮށްފައިވެ އެވެ. މީގެ އިތުރުން ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުކުރި އެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވެފައިވެ އެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.
މި ބަދަލު ގެނައުމާއެކު މި އަހަރު ދައުލަތުގެ އާމްދަނީއަށް 1.5 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ