ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނާތީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފި އެވެ.
"ސީއޭއޭ-1" ގައި މިދިޔަ އަހަރުގެ މެދުތެރޭ ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ. ރޭޓިން ރިވިއުއަށް ފަހު ހާލަތު ރަނގަޅު ނުވާތީ އެ ރޭޓިން މިފަހަރު ވެސް ވަނީ ދަމަހައްޓާފަ އެވެ.
ރާއްޖޭގެ ރޭޓިން ރިވިއުއަށް ފަހު އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރޭޓިން ދަމަހައްޓާފައި ވަނީ ބޭރު ފައިސާގެ ރިޒާވުތައް ދަށްވުމާއި ދަރަނި ދައްކަން ފައިސާ ހޯދޭނެ ގޮތްތައް މަދުވުމުގެ ސަބަބުން ކަމަށެވެ. ބޭރުން ދަރަނި ނެގުމުގެ ސަބަބުން ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށާއި އިތުރު ގޮންޖެހުންތައް ވެސް ރާއްޖެއަށް ހުރިކަން މުޑީސްއިން ވަނީ ފާހަގަކޮށްފަ އެވެ.
އޮކްޓޯބަރު 2024، އިން ފެށިގެން ބޭރު ފައިސާގެ ރިޒާވު ރަނގަޅުވަމުން އައި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް މޫޑީސްއިން ފާހަގަކުރެ އެވެ. އެއީ އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕާއި ޓޫރިޒަމް ޓެކްސްތައް ބޮޑުކުރުމުން ރިޒާވަށް އައި ކުރިއެރުމެކެވެ.
"މާލީ އިސްލާހުތަކެއް ތައާރަފު ކުރެވިފައިވީ ނަމަވެސް، ބޭރަށް ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށް ބޭރު ފައިސާގެ ރިޒާވު އެކަށީގެންވާ މިންވަރެެއްގައި ބެހެއްޓުމަށް، އެ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރެވޭނީ ކިހާ މިންވަރަކަށް ކަމެއް ސާފެއް ނުވޭ،" މޫޑީސްއިން ބުނެފައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވި ނަމަވެސް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އަސަރުކުރަމުންދާ ކަން ކަންބޮޑުވުމާ އެކު މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.
"އެމެރިކާގެ އިގުތިސޯދީ ސިޔާސަތުތައް ސާފުނުވުމުގެ ސަބަބުން މާކެޓަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ބާޒާރަށް ގޮސް، ބައިލެޓްރަލް އަދި ޕްރައިވެޓް ކްރެޑިޓަރުން އަތުން މި ދަރަނިތައް ރީފައިނޭންސް ކުރުމަށް ނުވަތަ އަނބުރާ ދެއްކުމަށް ފައިސާ ހޯދުމުގައި އިތުރަށް ދަތިތަކެއް ކުރިމަތިވާނެ،" މޫޑީސްގެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ރޭޓިން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށް މޫޑީސްގެ ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.
މާލީ ރިފޯމުގެ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި ނުވެ އެވެ. މިއަހަރުގެ ބަޖެޓުގައި ޖަހާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ފަށާފައި ނުވާއިރު ދައުލަތުގެ ހަރަދުތައް ކުޑަ ކަމަށް ފިނޭންސްގެ ރިޕޯޓުތަކުން ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުތަނުން ދަށްވެފައިވާތީ އެވެ.
އާމްދަނީއާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު މޫޑީސްއިން ރޭޓިން ދަށްކުރުމުން ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، މި ރިވިއުއިން ހާމަވެގެންދިޔައީ ސަރުކާރުގެ ފިޔަވަޅުތައް ލަސްވެ، މާލީ ހާލަތު ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމެވެ.
މާލީ އިސްލާހީ ފިޔަވަޅުތައް ނުފެންނާތީ މޫޑީސްއިން ރާއްޖޭގެ "ޖަންކް" ރޭޓިން ދަމަހައްޓައިފި މާލީ އިސްލާހީ ފިޔަވަޅުތައް ނުފެންނާތީ މޫޑީސްއިން ރާއްޖޭގެ "ޖަންކް" ރޭޓިން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ