އެމެރިކާއިން އިޒްރާއީލަށް 7.41 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިޒްރާއީލަށް 7.41 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ހުއްދަ ދީފިއެވެ.
މި ވިއްކުމާ ގުޅޭގޮތުން ކޮންގްރެސްއަށް އަންގަންޖެހޭ އެންގުން އާދިއްތަ ދުވަހު އަންގާފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. އަދި އިޒްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން އަހައްމިއްޔަތުކަން ދޭކަމަށާއި، އިޒްރާއީލުގެ ދިފާޢީ ޤާބިލުކަން ވަރުގަދަކުރުމަކީ އެމެރިކާގެ ޤައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި އިޢުލާން ކުރެވުނީ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވޮޝިންގްޓަން ޑީސީއަށް ޒިޔާރަތްކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރި ދުވަހުއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މިދިޔަ މަހު، ކުރީގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން އިޒްރާއީލަށް ބޮންތައް ފޯރުކޮށްދިނުމަށް އަޅާފައިވާ ހުރަސް ނައްތާލި ކަމަށް ރައީސް ޓްރަމްޕް ވަނީ އިޢުލާންކުރައްވާފައެވެ. މިދިޔަ އަހަރުގެ މޭ މަހު، އޭރުގެ ރައީސް ޖޯ ބައިޑެން ވަނީ އިޒްރާއީލަށް ފޮނުވަން ހަމަޖެހިފައިވާ 2،000 ޕައުންޑުގެ ބޮންތަކެއް ފޮނުވުން ފަސްކުރައްވާފައެވެ.
ބައިޑެންގެ ސަރުކާރުން މި ނިންމުން ނިންމެވީ، މި ބޮންތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ބޭނުންކުރުމާމެދު ކަންބޮޑުވުން އުފެދުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ